ލޭނުގެ މަސްވެރިކަން ކުރަން ހުއްދަދީފި ނަމަ ރާއްޖޭގެ ފަތުރުވެރިކަން ހަލާކުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، ފިޝަރީސް މިނިސްޓްރީން މިހާރު ވަނީ މިކަމަށް ގަވައިދެއްވެސް އެކުލަވާލާފައެވެ. ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާއި ދެކޮޅަށް ގިނަ ބަޔަކު ޝުއޫރުފާޅުކުރަމުން އަންނައިރު، ނަޝީދު ވިދާޅުވީ ލޭނު މަސްވެރިކަމުގައި ގިނަ އަދަދެއްގެ އެންމަޑި، ކޯމަސް، ދޫނި އަދި މިޔަރުތައް ދަލުގައި ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަން ވެސް ހަލާކުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
“މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމަށް ގެއްލުންވާނެ.” ނަޝީދު ވިދާޅުވިއެވެ.
Longline fishing causes huge bycatch of rays, dolphins, seabirds, sharks. It will damage Maldives tourism and pole&line tuna brands, which are based on sustainability.
— Mohamed Nasheed (@MohamedNasheed) August 16, 2024
ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލާ، ކޮމެންޓު ހޯދުމަށް ފިޝަރީސް މިނިސްޓްރީން މިހާރު ހުޅުވައިލާފައިވާއިރު މިކަމާއި ދެކޮޅަށް ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.