ރާއްޖޭގެ މަންޒަރުތައް ޖަރުމަންވިލާތުގެ ޓެކްސީތަކުގެ ބޭރުން ފެންނާނެ ބޮޑު ކެމްޕެއިނެއް ފެށުމަށް، މޯލްޑިވްސް މާކެޓިންގް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްސީ) އިން ވިދާޅުވެއްޖެއެވެ.
ޖަރުމަންވިލާތުގައި ބާއްވާ އައިޓީބީ ފެއަރއާއި ދިމާކޮށް ކުރިއަށް ގެންދާ މި ކެމްޕެއިންގައި ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ދުއްވާ، 200 ޓެކްސީއެއްގެ ބޭރުން ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރު ފެންނަ ގޮތް ހަދާނެއެވެ.
ވިޒިޓް މޯލްޑިވްސްއިން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އައުޓްޑޯ އިނީޝިއޭޓިވް ކަމަށްވާ މި ކެމްޕެއިންގައި ޖަރުމަން މާކެޓުގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލް މަންޒިލެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެ ކުންފުނިން ބުނީ ޓެކްސީ ކެމްޕޭން ފަސް ހަފްތާއަށް ކުރިއަށްދާއިރު، ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބާލިނޭލް (ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް)އާއި ދުނިޔޭގެ މަޝްހޫރު ޓްރެވަލް ޓްރޭޑް ޝޯ ކަމަށްވާ އައިޓީބީ ބާލިންއާ ވެސް ދިމާވާނެ ކަމަށެވެ. މި އިވެންޓްތަކުގައި 600،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށާއި، މި ސަރަހައްދުގައި ރާއްޖޭގެ ވިޒިބިލިޓީ މަތިވާނެކަމަށް އެމްއެމްޕީއާރުސީން ލަފާ ކުރެއެވެ.
ވިޒިޓް މޯލްޑިވްސްގެ ބްރޭންޑްގެ 200 ޓެކްސީގައި ރާއްޖޭގެ ރީތި އަދި ޝައުގުވެރި މެސެޖްތަކެއް ހިމެނޭއިރު، ބާލިންގެ އެންމެ ފާހަގަކޮށްލެވޭ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރެވިގެންދާނެއެވެ. އަދި ޓެކްސީތަކުގެ އިތުރުން މި ކެމްޕޭންގައި ބާލިނޭލްގައި ފާހަގަކޮށްލެވޭ ބިލްބޯޑްތަކެއް ހިމެނޭއިރު، މި ބޮޑު ސަގާފީ އިވެންޓަށް ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކަށާއި ބައިނަލްއަގްވާމީ ޒިޔާރަތްތެރިންނަށް އަމާޒުކޮށްފައިވެއެވެ.
ޖަރުމަންވިލާތުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެ ޤައުމުން މިއަހަރު މިހާތަނަށް، 7313 ފަތުރުވެރިން އައިސްފައެވެ.