English Edition
Dhivehi Edition

މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން ހޯސްޓްކުރާ، ކަލާޒް ޗެނަލްގެ ބިގް ބޮސް އަކީ އިންޑިއާގެ އެންމެ މަޤުބޫލު ރިއަލިޓީ ޝޯއެވެ. މި ރިއަލިޓީ ޓީވީ ޝޯ ގެ 14 ވަނަ ސީޒަން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ ކަލާޒް ޗެނެލުން ފަށާ އިރު މި ސީޒަންގެ އެޕިސޯޑްތައް މި ފަހަރު ގެނެސްދޭނީ ބައި ގަޑިއިރަށް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކަލާޒް އިން ދޮގުކޮށްފި އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ އަހަރުތަކުގައި އެޕިސޯޑްތައް ގަޑިއެއްހާ އިރަށް ގެނެސްދިން ނަމަވެސް މި ޝޯގެ މި ފަހަރުގެ އެޕިސޯޑެއްގެ ދިގުމިނަކީ 30 މިނިޓެވެ. ނަމަވެސް މިކަން ދޮގުކޮށް ކަލާޒްގެ ތަރުޖަމާނު މީޑިއާތަކަށް ބުނީ ކުރީގެ ސީޒަންތަކާ އެއްގޮތަށް މި ސީޒަން ގެ އެޕިސޯޑްތައް ވެސް 60 މިނިޓަށް ގެނެސްދޭނެ ކަމަށެވެ.

ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ޝޯގެ މިފަހަރުގެ ސީޒަންގެ އެޕިސޯޑްތައް ގެނެސްދޭ ގަޑިއަށް ބަދަލުތަކެއް އައިސްފައިވާއިރު ހޯމަ ދުވަހުގެ ރެއިން ހުކުރު ދުވަހުގެ ރެއަށް ކުރިއަށް ގެންދާ އެޕިސޯޑްތައް ދައްކާނީ ރާއްޖެ ގަޑިން 10:00 ގައެވެ. އަދި ޝޯ ހޯސްޓްކުރާ ސަލްމާން ޚާނާ އެކު ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ ވީކެންޑްކާ ވާރު ގެ އެޕިސޯޑްތައް ގެނެސްދޭނީ ރާއްޖެ ގަޑިން 8:30 ގައެވެ.

މި ޝޯގައި ތިންމަސް ދުވަސް ވަންދެން އެއް ގެއެއްގެ ތެރޭގައި ތަފާތު މިޒާޖު ތަކުގެ އެކި ފެންވަރުގެ މީހުން ދިރިއުޅެން ޖެހޭއިރު ޝޯއިން ފެނިގެންދަނީ އެ ފަރާތްތަކުގެ މެދުގައި އުފެދޭ ގުޅުންތަކާއި ހަމަނުޖެހުން ތަކެވެ. މިފަހަރުގެ ސީޒަންގައިވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ތަރިން ބައިވެރިވެފައިވާއިރު، މިހާރު ޝޯގެ ބައިވެރިން ތިބީ ބިގް ބޮސްގެ ގެއަށް ވަނުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ 14 ދުވަހުގެ ކަރަންޓީނުގެ ފަހު މަރުހަލާގަ އެވެ.

ޓެގު