English Edition
Dhivehi Edition

ބިގްބޮސް14 އިން ޓޮޕް ތިން ފައިނަލިސްޓުންގެ ތެރޭ ހިމެނުނު ފިލްމީތަރި ނިކީ ޓަމްބޯލީގެ ބޭބޭ ޖެޓިން ޓަމްބޯލީ އަށް ކޮވިޑްޖެހި މަރުވެއްޖެއެވެ.

ނިކީގެ އުމުރުން 29 އަހަރުގެ ބޭބެ މަރުވެފައިވަނީ “އެން.ޓީ” ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ހިތް ކުދި ކުދި ވެފައިވާ ނިކީ ބުނީ، އޭނަގެ ބޭބޭ އަށް ސިއްހީ މައްސަލަތަކެއް ދިމާވެ ފަރުވާ ހޯދަމުން އަންނަތާ ދުވަތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ފުއްޕާމޭގެ އެއްފަޅި އަށް ޓީބީ ޖެހި އަބަދުވެސް ދިޔައީ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ކަމަށެވެ. “ބޭބޭ ނޭވާ ލަމުން ދިޔައީ ފުއްޕާމޭގެ އެއްފަޅީގެ އެހީގައި. ދޭތެރެ ދޭތެރެއިން ހޮސްިޕޓަލްގައި އެޑްމިޓްކުރަންޖެހޭ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށް ކޮށް އޭނާ ވަރުބަލިވެއްޖެ. މި ބަލި ހާލަތުގައި ހުއްޓާ ބޭބެ އަށް ކޮވިޑްޖެހި މުޅި ފުއްޕާމޭގައި ނިއުމޯނިއާ ޖެހި ރަނގަޅުނުވެ މަރުވެގެން އެދިޔައީ” އަސަރާ އެކު ނިކީ މީޑިއާތަކަށް މައުލޫމަތު ދީފައި ވެއެވެ.

ނިކީގެ އަސަރުގަދަ އިންސްޓަގްރަމް ޕޯސްޓްގައި ބުނެފައިވަނީ، އިއްޔެގެ އިރު އެރި އިރުވެސް ކަލާނގެ އޭނަގެ ބޭބޭގެ ފުރާނެ ގެންދާނެ ކަމެއް ކުޑަކޮށްވެސް ނޭންގޭ ކަމަށެވެ. އެހެން ނަމަވެސް އެ ފަރާތުން ނިންމާ ކަންކަމަކީ އެއްވެސް މީހަކަށް ބާރު ނުފޯރުވެވޭނެ ކަމަކަށްވީމަ އެކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި މި ދުނިޔޭގައި ހުރި އިރު ބޭބެގެ ގައިގައި އަޅަމުން ދިޔަ ވޭނަށް މިހާރު ލުޔެއްލިބި އުފަލުގައި އުޅޭނެކަމަށް އުންމީދުކުރާކަމަށެވެ.

ނިކީވަނީ ބޭބޭ ބަލިވުމާ އެކު ހާއްސަ ދުއާއެއްކޮށް އެތައްބައެއްގެ ކައިރިން އޭނަގެ ބޭބޭ އަށް އަވަސް ޝިފާއެއްލެއްވުމަށް އެދި ދުއާ ކުރުމަށް އެދިފައެވެ.

ބޭބޭ މަރުވުމާއެކު ނިކީ އަށް ބޮލީވުޑްގެ ތަރިން އަދި އޭނަގެ ފޭނުން ދަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

އިންޑިިއާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި އެގައުމުގެ އެތައްބަޔަކު މަރުވެ ފިލްމީ ދާއިރާގެވެސް ބައެއް ތަރިން މަރުވެ އަދި ބައްޔަށް ޕޮޒިޓިވްވަމުން ދާކަން ފާހަގަކުރެވެއެވެ.