“ފަތިހާ ހޭލައިގެން ނަމާދުކޮށްލައިގެން ގޮސް އޮށޯވެލީ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި. އަޑުމައްޗަށް ބަލާލިއިރު ވަރަށް އާދަޔާ ހިލާފް މަންޒަރެއް ފެނިގެން ދިޔައީ. ބޮޑު ދޮންދީނި ބައިގަނޑެއް އައިސް ދެތިން ކާޅު ފަހާ މަންޒަރު. އެވަގުތު ލިބިގެން ދިޔަ ހައިރާންކަމާއެކު ހިތަށް އެރި މީ ކިހިނެތް މިހާ ހިސާބެއް އައި އެއްޗެއްތޯ؟.” މިއީ މީދޫ މީހަކަށް މީގެ މަސްދުވަސް ކުރިން ފެނުނު މަންޒަރެއްގެ ވާހަކައެވެ.
އައްޑޫގައި ކާޅު އާލާވެ، އައްޑޫގެ ފަހުރު ކަމުގައިވާ “އައްޑޫދޮންދީނި” ގެ ނަސްލު ނެތި ހިގައިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އެންމެ ފުރަތަމަވެސް އުފެދޭ ސުވާލަކީ މި ކާޅުތައް އައްޑޫ އައީ ކިހިނެތް ހެއްޔެވެ؟ ނުވަތަ ގެނައީ ކޮންބައެއް ހެއްޔެވެ؟ ‘އޭއޯ ނިއުސް’ އާއި ވާހަކަދެއްކި މީހަކު ބުނީ މިއީ އައްޑޫއިން ދޮންދީނިގެ ނަސްލު ނައްތާލުމަށްޓަކައި ބަޔަކު ގަސްތުގައި ރާވައިގެން ހިންގާފައިވާ ‘ޖަރީމާއެއް’ ކަމަށެވެ. އަދި މިކަން ކުރި ފަރާތްތައް ހޯދާ އެމީހުންނާއި މެދު ފިޔަވަޅު އެޅުމަށްވެސް އެ ފަރާތުންވަނީ ގޮވާލާފައެވެ. “މީގެ ކުރިންވެސް ގޯންޏަކަށް އަޅައިގެން އައްޑޫ އަށް ހަތަރު ކާޅު ގެނެސް ބަޔަކު ދޫކޮށްލާފަ ދިޔަ. އެކަމަކު އެފަހަރު ދޮންދޫނިތައް އެ ކާޅުތައް ފައްސާލީ. އެކަމަކު މިހާރު ކާޅުތައް ނުފެންނަ ސަރަހައްދެއް އައްޑޫ އަކު ނެތް. ކާޅުތައް އުޅެނީ ކިހާ ވަރަކަށް ކަމެއްވެސް ނޭގޭ. މިކަމަށް އަވަސް ފިޔަވަޅެއް ނޭޅިއްޖެނަމަ ދޮންދީނިގެ ނަސްލު ނެތިގެން ހިނގައިދާނެ” އެ ފަރާތުން ބުންޏެވެ.
މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އައްޑޫ އަށް ކާޅުގެނެސް އެ ކާޅުތައް ދޫކޮށްލާފައިވާއިރު، އޭރު ދޮންދީނިތައް ކާޅުތައް އައްޑޫގައި އާލާވިޔަ ނުދީ، ކާޅުތައް ފައްސާލައެވެ. އެހެންނަމަވެސް މިހާރު މި ފެންނަ މަންޒަރުތަކަށް ބަލާއިރު ފެންނަމުން މިދަނީ އައްޑޫ އަށް ދޮންދީނިއަށް ވުރެ ކާޅުގެ ބާރުގަދަވަމުންދާ މަންޒަރެވެ. އައްޑޫގައި ކާޅުގެ ނަސްލު އާބަދުވެ ދާނެކަމުގެ ބިރާއެކު ގިނަ ބަޔަކު އަންނަނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ކާޅު މަރައިގެން ގެންނަ ފަރާތްތަކަށް ފައިސާގެ އިނާމްވެސް ހުށަހަޅާފައެވެ.
ކާޅު އާންމުކޮށް ކައި އުޅެނީ ކުދި ދިރޭތަކެތީގެ އިތުރަށް މަރުވެފައި ހުންނަ ބައެއް ބާވަތުގެ ޖަނަވާރުގެ މަހާއި، ކަނޑުމަހުގެ ގޮހުރު ފަދަ ތަކެއްޗެވެ. ކާޅަކީ ވިސްނުން ތޫނު އެއްޗެއްކަމުން ބައެއް ފަހަރަށް، މީހުން ގޭގޭގެ ބޭރުގައި އަވީލާފައި ހުންނަ ބައެއް އެއްޗެހި ވަރަށް ހަނި ފުރުސަތަކުން ވެސް ނަގައިގަނެގެން ގެންދެ އެވެ. ދާދި ފަހުން އައްޑޫގައި އުޅޭ ކާޅެއް ދޮންދޫންޏަކަށް ހަމަލާދީ މަރާލުމަށްފަހު އޭގެ މަސް ނޮޅައިގެން ކަމުން ދިޔަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި އާންމުވެފައިވާއިރު ގިނަ ބަޔަކުވަނީ ކާޅުގެ ހަމަލާތަކުގެ ޝިކާރައަކަށް ކުޑަ ދޮންދޫނިތައް ވަމުންދާކަމަށް ބުނެފައެވެ. މި ގޮތުން އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން ގިނަ އަދަދެއްގެ ކާޅުތައް ފެންނަމުންދާކަމުގެ ޝަކުވާއާއި އެކު ސޯޝަލް މީޑީއާގައި މިކަމުގެ ކަންބޮޑުވުންފާޅުކުރި މީހަކު ބުނީ ކޮންމެ ދުވަހަކު ހޭލެވެނީ ކާޅު ގޮވާ އަޑަށްކަމަށާއި މިހާރު ބޭރުގައި އެއްޗެއް ބަހައްޓަންވެސް ބިރު ގަންނަކަމަށް ބުނެފައެވެ.
އައްޑޫ ސިޓީގެ ޖަމްމިއްޔާ ޖަމާއަތްތަކުންވެސް މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވާއިރު މީދޫ ނަލަފެހި ޖަމްމިއްޔާއިންވެސް ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. މީގެ އިތުރުން ރައްޔިތުންގެ މި ކަންބޮޑުވުންތަކާއި އެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރުވެސް ވަނީ މިކަމުގައި ސަރުކާރުގެ ގުޅުންހުރި ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ގޮވާލާފައެވެ. މީދޫ އިން ގިނަ އަދަދެއްގެ ކާޅު ފެންނަމުންދާ ކަމުގެ ޝަކުވާ އާއި އެކު ޝެއިހް މުހައްމަދު ތޮއްޔިބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާޅުތައް ގިނަވެއްޖެނަމަ ރަށުގެ އަސްލު ވަޒަންވެރިންނަށް އޮބިނޮންނާނެ ކަމަށެވެ. “އަހަރެމެންގެ ކުދިން ބޮޑުވުމުން އަހަރެމެންވެސް ބުނާނަމެވެ، ދަރިފުޅުމެން ކުޑައިރު މި ރަށުގައި ވަރަށް ހުދު ވަރަށް ނަލަ ދޮންދީނި އޭ ކިޔާ ދޫންޏެއް އުޅުނެވެ. އެހެންނަމަވެސް މިހާރު އޭގެ ނަސްލު ނެތިގެން ހިގައްޖެއެވެ” ތޮއްޔިބްގެ ޕޯސްޓްގައި ވިދާޅުވިއެވެ.
ހަމަ ޔަގީނުންވެސް މިއީ އައްޑޫ އެއްވެސް ރައްޔިތަކު ބޭނުންވާނެ ގޮތެއް ނޫންކަން ޔަގީނެވެ. އެހެންކަމުން ކަމާއި ބެހޭ އިދާރާތަކުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ހިމާޔަތްކޮށްފައިވާ ދޮންދީނިގެ ހިމާޔަތަކަށް ނިކުންނަންޖެހެއެވެ. ‘އަފިރިންގެ ފަހުރު’ ކަމުގައިވާ އައްޑޫ ދޮންދީނި ސަލާމަތްކުރުމަށް އެންމެން މަސައްކަތްކުރަންޖެހެއެވެ.