އައްޑޫސިޓީ ގައި ހިމާޔަތްކޮށްފައިވާ ދޮންދީނި ޝިކާރަކޮށް، ހަމާލާދެމުންދާ ކާޅުތައް ޕެސްޓެއްގެ ގޮތުގައި މަރާނަމަ ފިޝަރީސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭކަމަށާއި އެކަމުގެ ހުއްދަ އަކަށް މިހާރު އައްޑޫ ސިޓީ ކައުންސިލުން އެދިފައިވާކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ކާޅުތައް ގެއްލުން ދެމުންދާތީ ކާޅު ނައްތައިލުމުގެ ހުއްދަ އަށް އައްޑޫ ސިޓީ ކައުންސިލުން އެދުމުން، އެންވަޔަރަމަންޓް މިނިސްޓްރީން އެ ހުއްދަ ދީފައިވާއިރު އެ މަސައްކަތް ލަސްވަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އެ މަސައްކަތަށް ފިޝަރީސް މިނިސްޓްރީން ބޭނުންވާ ހުއްދަ ހޯދުމަށް މިހާރު ހުށަހަޅާފައިވާކަމަށާއި އާދިއްތަދުވަހު އެކަމުގެ ހުއްދަ ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ޒަހާ ދެއްވާފައިވާކަމަށެވެ. “މިނިސްޓަރ މާރިޔާ އަޅުގަނޑަށް މައުލޫމާތު ދެއްވީ އެ ހުއްދަ އާއި އެކު ކައުންސިލުން އެމްއެންޑީއެފްއަށް ހުށަހެޅުމުންކަމަށް، އެމްއެންޑީއެފްއަށް ކާޅުތައް މަރާދެވޭނީ” ރޮޒައިނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ. އިތުރަށް ރޮޒައިނާ ވިދާޅުވީ އަންނަ ހަފްތާގައި މިކަން ކޮޅެއްގައި ޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކާޅާ ހެދި ދޮންދީނީގެ އާބާދީ ނުރައްކަލަށް ވެއްޓިފައިވާތީ ކާޅު ނައްތައިލަން ކައުންސިލުން ކަމާބެހޭ އިދާރާތަކުގެ ހުއްދަ އަށް މި މަހުގެ އެއް ވަނަ ދުވަހު އެދިފައިވާއިރު މިކަމާއި ގުޅިގެން އެންވަޔަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ސޮއިކުރައްވައި މޭޔަރު އަބްްދުﷲ ސޯދިގް (ސޯބެ)އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކާޅަކީ އައްޑޫގައި އާންމުކޮށް އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ އާއި އޭގެ ސަބަބުން އުނދަގުލަކަށްވާނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބަލައި އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅިދާނެ ކަމަށެވެ.