English Edition
Dhivehi Edition

އައްޑޫސިޓީގައި ދޮންދީނި ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަމަށް ފެންނާތީ މީދޫގެ ތިމާވެއްޓާބެހޭ ޖަމިއްޔާއެއް ކަމަށްވާ “ނަލަފެހި ޖަމިއްޔާ” އިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.

ނަލަފެހިން މިބަޔާން ނެރެފައިވަނީ މިއަދަކީ ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު, އައްޑޫގެ ފަހުރެއް ކަމަށްވާ ދޮންދީނީ ނެތިގެންހިނގައިދާނެ ކަމުގެ ބިރުއޮތުމާއެކު މި މައްސަލަ ކަމާބެހޭފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކަމަށް އެފަރާތުން ބުނެއެވެ.

މި ބަޔާނުގައި ބުނެފައިވަނީ، އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނޫޅޭ ދޫންޏެއްކަމަށްވާ ދޮންދޫންޏަކީ އައްޑޫއަށް ލިބިފައިވާ ފަހުރެއް ކަމަށާއި، ރުށްގަހުގައި މީހުންނާއި ގާތުން ދިރިއުޅޭ އިންސާނުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މިދޫނި އެހަނޑަ އާއި ބާޒުފަދަ ޝިކާރަކުރާ ދޫނިތަކާއި ކާޅުގެ އުނދަގުލުން އަތޮޅަށް ހިމާޔަތް ލިބިދިނުމުގައި އެސޮރުމެން އަދާކުރަމުން އައި މުހިންމު ދައުރުގެ ސަބަބުން އަތޮޅުގެ އިންސަނީ އާބާދީއަށް ކޮންމެހެން ބޭނުންޖެހިފައިވާ ފައުޖަކަށް އެސޮރުމްނެ ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ނަލަފެހީގެ ބަޔާނުގައި ފާހަގަ ކޮށްފައިވާ އަނެއް ކަންބޮޑުވުން ތަކަކީ، އަތޮޮޅުގެ އާބާދީ ބޮޑުވެ ގެދޮރު ބިނާކުރުމަށް ރުށްގަސް ކެނޑުމާއިގުޅިގެން އެސޮރުމެން އެންމެ ގިނައިން އުޅޭ ބަނބުކެޔޮ، ހިރުނދު، ފުނަ، ކާނި، ޅޮސް ގަސްތައް ވެސް ރަށުން މަދުވެފައިވާ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ދޮންދީނީގެ އާބާދީ ކުޑަވެ ބަލިކަށިވެ ދިފާއީ ބާރެއްގެ ގޮތުގައި ހަރަކާތްރެވިވުމުގެ ގާބިލުކަން އެސޮރުމެންގެ ކިބައިން ގެއްލި ހިނގައްޖެކަމަށެވެ.

ނަލަފެހީގެ ބަޔާނުގައި ބުނެފައިވާ ގޮތުން މިފަހުން ރަށުތެރެއަށް ބަޔަކު ދޫކޮށްލި ކާޅުތަކުގެ ޝިކާރައަކަށްވެ ދޮންދީނި ތައް މަރުވެ އަދި އޭގެބިސްތައް އާލާނުވާ މަސައްސަލަވެސް ފާހަގަކޮށް ކަނބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިހާލަތަށް ދޮންދީނީގެ މައްސަލަގޮސްފައިވާއިރު ދޮންދީނި ހިމާޔަތް ކޮށްދޭ ގާނޫނެއް މި ރައްޖޭގައި ފާސްކުރެވިފައިވާކަން ފާހަގަކޮށް މިމައްސަލަ ކަމާއިބެހޭފަރާތްތަކަށް ނުފެންނަ ކަމާމެދު ނުހަނު ކަންބޮޑުވާ ކަމަށް ނަލަފެހިޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

މީދޫގެ ގިނަ ފަރާތްތަކުން މިހާރުވެސް ދަނީ ދޮންދީނި ނެތިގެން ހިނގަިއދާނެ ކަމުގެ ބިރު އޮތްކަން ހާމަކޮށް ސޯޝަލްމީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފެންނަ ބައެއް ފޮޓޯތަކުގައި ރަށުގައި މިހާރު އުޅެމުންދާ މަދުކާޅު ތަކުގެ ޝިކާރައަކަށްވެ ދޮންދީނި ފޮޔޮއް ތަކާއި ދޮންދީނީގެ ބިސް ކާލާފައި ވާމަންޒަރު ދައްކުވައިދޭ ފޮޓޯތައް ފެނެއެވެ. މި މަންޒަރު ފެނުމުން ރަށުގެ ކޮންމެ ރައްޔިތަކު ކަންބޮޑު ވީނަމަވެސް ރަށަށް ގަދަވެގެން އުޅޭ ކާޅުތައް ނައްތާލެވޭނެ ގޮތެއް ނެތެވެ.

ދާދި ފަހުން މީދޫގައި ކާޅުތައް ގިނަވެ ދޫނިތަކަށާއި ދަނޑުގޮވާން ކުރާފަރާތް ތަކަށް އޭގެ އުނދަގޫވެ ކަމާބެހޭފަރާތަށް އެންގުމުން ބަޑިޖަހައި ކާޅުތައް މަރާލާފައި ވެއެވެ. އެހެން ނަމަވެސް އޭގެ ދުވަސް ކޮޅެއްފަހުން އަނެއްކާވެސް ކާޅުތަކެއް ރަށުތެރެއިން ވަނީ ފެންނަންފަށާފައެވެ.

ނަލަފެހި ޖަމްއިއްޔާ އަކީ މިހާތަނަށް ރަށުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޖަމިއްޔާއެވެ. މިޖަމިއްޔާ ގައި ރަށް ސާފުކުރުމާއި، ގަސް އިންދުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ގިނަގުނަ ކަންތައް ތައް ކުރަމުން ދާއިރު ރަށުގެ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން މިކަމުގައި ލިބުމަކީ މިޖަމިއްޔާ އުފެއްދި ފަރާތް ތަކަށް ލިބުނު ހިއްވަރެއް ކަމަށް ޖަމިއްޔާގެ އިސްވެރިން ފާހަގަ ކުރައްވައެވެ.

ނަލަފެހި ޖަމިއްޔާ އިން ވަނީ މިހާތަނަށް ރަށް ސާފްތާހިރުކޮށް ބެހެޓުމަށް ސްކޫލް ތަކާއި، އާންމު ރައްޔިތުން އަދި ނަލަފެހީގެ އިސްވެރިން ބައިވެރިވެގެން ވަރަށް ގިނަ ޕްރޮގްރާމް ތައް ކުރިޔަށް ގެންގޮސްފައެވެ.