English Edition
Dhivehi Edition
ފޮޓޯ: ޝެއިޙް މުހައްމަދު ތައްޔިބް/ފޭސްބުކް

އައްޑޫގައި ކާޅު އާލާވެ، އައްޑޫގެ ފަހުރު ކަމުގައިވާ “އައްޑޫދޮންދީނި” ގެ ނަސްލު ނެތި ހިގައިދާނެކަމުގެ ބިރު ވަރަށް ބޮޑުވިއެވެ. މިއީ އެއް ދުވަސްވަރެއްގައި އައްޑޫ ސިޓީ މީދޫގެ ރައްޔިތުން ވަރަށް އަޑުހަރުކޮށް ދައްކަމުން ދިޔަ ވާހަކައެކެވެ، މިކަމަށް އަވަސް ހައްލެއް ހޯދައި ދިނުން އެދި ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ‘އާދޭސް ދަންނަވަމުން’ ދިޔަ މައްސަލައެކެވެ. އެހެންނަމަވެސް މި ކަމަށް އެއްވެސް ހައްލެއް ނުލިބި މަޑުމަޑުން މި ވާހަކަވެސް ‘ހިދިއްޖެއެވެ’. މިހާރު މިކަމާއި ކަންބޮޑުވެ، އަދިވެސް މި ކަމަށް ހައްލެއް ހޯދައި ދިނުމަށް އެދި ގޮވާ މީހުންގެ އަދަދު ވަރަށް މަދެވެ،

މި ކާޅުތައް އައްޑޫ އައީ ކިހިނެތް ހެއްޔެވެ؟ ނުވަތަ ގެނައީ ކޮންބައެއް ހެއްޔެވެ؟ އޭރު ‘އޭއޯ ނިއުސް’ އާއި ވާހަކަދެއްކި މީހަކު ބުނީ މިއީ އައްޑޫއިން ދޮންދީނިގެ ނަސްލު ނައްތާލުމަށްޓަކައި ބަޔަކު ގަސްތުގައި ރާވައިގެން ހިންގާފައިވާ ‘ޖަރީމާއެއް’ ކަމަށެވެ. އަދި މިކަން ކުރި ފަރާތްތައް ހޯދާ އެމީހުންނާއި މެދު ފިޔަވަޅު އެޅުމަށްވެސް އޭރު އެ ފަރާތުންވަނީ ގޮވާލާފައެވެ. “މީގެ ކުރިންވެސް ގޯންޏަކަށް އަޅައިގެން އައްޑޫ އަށް ހަތަރު ކާޅު ގެނެސް ބަޔަކު ދޫކޮށްލާފަ ދިޔަ. އެކަމަކު އެފަހަރު ދޮންދޫނިތައް އެ ކާޅުތައް ފައްސާލީ. އެކަމަކު މިހާރު ކާޅުތައް ނުފެންނަ ސަރަހައްދެއް އައްޑޫ އަކު ނެތް.” އެ ފަރާތުން ބުންޏެވެ.

May be an image of crustacean and outdoors
ފޮޓޯ: ޝެއިޙް މުހައްމަދު ތައްޔިބް/ފޭސްބުކް

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އައްޑޫ އަށް ކާޅުގެނެސް އެ ކާޅުތައް ދޫކޮށްލާފައިވާއިރު، އޭރު ދޮންދީނިތައް ކާޅުތައް އައްޑޫގައި އާލާވިޔަ ނުދީ، ކާޅުތައް ފައްސާލައެވެ. އެހެންނަމަވެސް މިހާރު މި ފެންނަ މަންޒަރުތަކަށް ބަލާއިރު ފެންނަމުން މިދަނީ އައްޑޫ ދޮންދީނިއަށް ވުރެ ކާޅުގެ ބާރުގަދަވެފައިވާ މަންޒަރެވެ. ދޮންދީނިގެ ބިސްތައް ތަޅާ އެ ތަކެއްޗަށް ކާޅުތައް ގޯނާ ކުރަމުންދާ މަންޒަރެވެ. ކުޑަ ދޮންދޫނި ތަކަށް އަނިޔާކޮށް މަރާލާ މަންޒަރެވެ. ކާޅެއް ދޮންދޫންޏަކަށް ހަމަލާދީ މަރާލުމަށްފަހު އޭގެ މަސް ނޮޅައިގެން ކަމުން ދިޔަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި މީގެ ކުރިން އާންމުވެފައިވާއިރު ގިނަ ބަޔަކުވަނީ ކާޅުގެ ހަމަލާތަކުގެ ޝިކާރައަކަށް ކުޑަ ދޮންދޫނިތައް ވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ އައްޑޫ ކޮންމެ ދަރިއަކަށްވެސް ހިތްދަތި މަންޒަރެއްކަން ޔަގީނެވެ.

ކާޅު އާންމުކޮށް ކައި އުޅެނީ ކުދި ދިރޭތަކެތީގެ އިތުރަށް މަރުވެފައި ހުންނަ ބައެއް ބާވަތުގެ ޖަނަވާރުގެ މަހާއި، ކަނޑުމަހުގެ ގޮހުރު ފަދަ ތަކެއްޗެވެ. ކާޅަކީ ވިސްނުން ތޫނު އެއްޗެއްކަމުން ބައެއް ފަހަރަށް، މީހުން ގޭގޭގެ ބޭރުގައި އަވީލާފައި ހުންނަ ބައެއް އެއްޗެހި ވަރަށް ހަނި ފުރުސަތަކުން ވެސް ނަގައިގަނެގެން ގެންދެ އެވެ.

އައްޑޫ ސިޓީގެ ޖަމްމިއްޔާ ޖަމާއަތްތަކުންވެސް އައްޑޫ ކާޅުތަކުގެ ކިބައިން ސަލާމަތްކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވާއިރު މިއަދާ ހަމައަށްވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން އެ ވާހަކަތައް ދައްކަމުން ދިޔަ ފަރާތްތައްވެސް މަދުވެ، އައްޑޫ ދޮންދީނިގެ މައްޗަށް ކާޅުތައް ކުރި ހޯދައިފިއެވެ، މިހާރު އައްޑޫގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައި ވިޔަސް ފެންނަމުން ދަނީ ކާޅުތަކުގެ ބާރެވެ، ހމަ ޔަގީނުންވެސް މިއީ އައްޑޫ އެއްވެސް ރައްޔިތަކު ބޭނުންވާނެ ގޮތެއް ނޫނެވެ. އެހެންނަމަވެސް މިހާރު މިކަންތައް އައްޑޫ ރައްޔިތުންވެސް ހަނދާން ނެތިއްޖެކަހަލަ އެވެ. ނުވަތަ އެއްވެސް ހައްލެއް ނުލިބޭނެ ކަން އެގުމުން ކާޅުތަކުގެ ކުރިމަތީގައި އަމާންދީ އެ ކާޅުތަކަށް އައްޑޫ ދޫކޮށްލީއެވެ.

ޓެގު