ދޮންދީނީގެ ހިމާޔަތަށް އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އައްޑޫ ސިޓީ މީދޫ ތިމާވެށި ޖަމިއްޔާ، ނަލަފެހި އިން ގޮވާލައިފިއެވެ.
ނަލަފެހި ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ‘ދޮންދީނި’ އަކީ އައްޑުއަތޮޅުގެ ޚާއްޞަ އިމްތިޔާޒަކާއި ފަޚްރެއް ކަމަށެވެ. އަދި ދޮންދޫނިއަކީ މިއަތޮޅު ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގައި އަދި ދުނިޔޭގެ މަދު ޤައުމެއްގައި ނޫނީ ނޫޅޭ ނާދިރު ދޫންޏެއްކަމަށް އެ ޖަމިއްޔާއިން ވަނި ފާހަގަކޮށްފައެވެ.
“ރަށުގެ އާބާދީއާއި ގާތުގައި ރުއްގަހުގައި ދިރިއުޅޭ މިދޫންޏަކީ ރަށްވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އެބައިމީހުންގެ ދިރިއުޅުމުގެ ގާތް ބައިވެރިއަކަށް ވާއިރު އެހަނޑަ އާއި ބާޒު ފަދަ ޝިކާރަކުރާ ދޫނިތަކާއި ކާޅުގެ އުނދަގުލުން އަތޮޅަށް ހިމާޔަތް ލިބިދިނުމުގައި ދޮންދީނި އަދާކުރަމުން އައި މުހިންމު ދައުރުގެ ސަބަބުން އަތޮޅުގެ އިންސާނީ އާބާދީއަށް ކޮންމެހެން ބޭނުން ދިފާއީ ފައުޖަކަށް ވެސް ފަސްމަގުގައި މި ދޫނިތައް ވި” އެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެވޭލާ ޒަމާނުގައި އައްޑޫގެ ބާރުގަދަ ފައުޖެއްގެ ގޮތުގައި، ދޮންދީނި އުޅުނު ނަމަވެސް އަތޮޅުގެ އިންސާނީ އާބާދީ ބޮޑުވެ، ގޯތީގެދޮރު ބިނާކުރުމަށް ގިނަ ޢަދަދެއްގެ ރުއްގަސް ކެނޑުމުގެ ސަބަބުން އެދޫނީގެ އެންމެ މުހިންމު ‘ހެބިޓާޓް’ ކަމަށް ވާ ކަނދުވައު އަތޮޅުން މުޅިން ނެތިގެން ދިޔަކަމަށެވެ، އަދި އެ ދޫނިތައް ދިރިއުޅުމަށް އެކަށީގެންވާ ބަނބުކެޔޮ، ހިރުނދު، ފުނަ، ކާނި، ޅޮސް ފަދަ ބިޔަކޮށް ހެދޭ ބާވަތްތަކުގެ ގަސްތައް މަދުވެ، ދޫނިތައް ދިރިއުޅޭނެ އެކަށީގެން ވާ މާހައުލު ނެތި ފައިވާކަމަށް އެ ޖަމިއްޔާގެ ބަޔަނުގައި ވަނީ ފާހަގަކޮށްފައެވެ.
“މިއައި ބަދަލުގެ ނަތީޖާއެއްގެ ގޮތުން ދޮންދީނިގެ ޢާބާދީ ކުޑަވެ، ބަލިކަށިވެ، ދިފާޢީ ބާރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން މުޅިން ނެތި ހިގައްޖެ. އެހެންކަމުން ކުރީން މިއަތޮޅަށް އަންނަ ބާޒު ފަދަ ބިޔަ ނުރައްކާތެރި ދޫނިތަކަށް ވެސް ހަމަލާދީ ޝިކާރަކޮށް މިއަތޮޅުން ކުޑަވެސް ޖާގައެއް ނުދީ އުޅުނު ބާރުގަދަ ދޮންދީނި މިއަދު މިފެންނަނީ އެހެނިހެން ދޫނީސޫފާސޫފީގެ ޝިކާރައަކަށް ވަމުންދާ ތަން. މިއަތޮޅަށް ބަޔަކު ގެނެސް ދޫކޮށްލި މަދު ކާޅުކޮޅެއް އަތޮޅަށް ގަދަވެގަނެ، ދޮންދީނީގެ ބިސްތަކާއި ފިޔޮއްތައް ކައި ހުސްކޮށް އެސޮރުމެންގެ ދަރިފަސްކޮޅު ނެތިކުރަމުން ދާއިރު އެސޮރުމެންނަށް އަމިއްލަ ދިފާޢުގައި ކުރެވޭ އެއްވެސް ކަމެއް މިއަދު ނެތް އެހެންކަމުން އެ ސޮރުމެން މިއަދު ޙާލުގެ ދުލުން ގޮވަމުން އެދަނީ އެސޮރުމެންގެ ނަސްލު ނެތިދިއުމުން ސަލާމަތްކޮށް ދޭނެ ދިފާޢީ އަތަކަށް” މި ބަޔާނުގައި ބުނެފައިވެއެވެ.
ދޮންދީނި ހިމާޔަތްކުރާ ޤާނޫނެއް އޮތް ނަމަވެސް އެ ޤާނޫނު ތަންފީޒު ނެކުރެވުމުގެ ސަބަބުން މިއަދު އައްޑޫއަށް ގެނެސް ދޫކޮށްލި ހައެއްކަ ކާޅުގެ ޝިކާރައަށް އެ ދޫނިތައްވެ، ދޫނިތަކުގެ ނަސްލު އެއްކޮށް ނެތިދިއުމުގެ ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ނަލަފެހި ޖަމިއްޔާއިން ވަނި ބުނެފައެވެ. “ކާޅަކީ އައްޑޫ އާއި މުޅިން ބީރައްޓެހި، ބޭރުގެ ސޫއްޕަކަށް ވެފައި އޭގެ ސަބަބުން އަތޮޅަށް މިހާ ބޭނުންތެރި މިއަތޮޅުގެ ފަޚުރު ކަމަށް ވާ ދޮންދީނީގެ ނަސްލު ނެތިދިއުމަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަގްޞަދުގައި އުފެދި، އެރޮގުން ހަރަކާތްތެރިވަމުން އަންނަ މި ޖަމްޢިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް” ބަޔާނުގައި ބުނެފައެވެ.
އެހެންކަމުން މިއަހަރުގެ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަހުގެ މުނާސަބާ އާއި ގުޅުވައި، މިއަތޮޅަށް ކުރިމަތިވެފައިވާ މިޚުޠޫރަތްތެރި ތިމާވެށީގެ މައްސަލަ ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް ދޮންދީނީގެ ހިމާޔަތަށް އަވަސް ފިޔަވަޅެއް އަޅައިދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.