English Edition
Dhivehi Edition

އައްޑޫ ސިޓީ ދެ އަވަށެއްގެ ޓޫރިޒަމް ޒޯންތަކުގެ އީއައިއޭ ހަދަން ބަޔަކާ ޙަވާލު ކޮށްފިއެވެ.

އައްޑޫ ސިޓީ މަރަދޫ އާއި ހުޅުދޫ އަވަށުގެ ޓޫރިޒަމް ޒޯންތަކުގެ އީއައިއޭ ހަދަން ހަވާލުކުރީ އޮމްނި ސޮލިއުޝަންސް ލިމިޓެޑްއާއި އެވެ. އިއްޔެ މެންދުރުފަހު ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކިރެއްވީ އައްޑޫ މޭޔަރ އަބްދުﷲ ސާދިގްއެވެ. އޮމްނީ ސޮލިއުޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޔާޒްއެވެ.

މިއަހަރުގެ މާޗްމަހުގެ ތެރޭގައި އައްޑޫގެ ޓޫރިޒަމް ޒޯން ތަކުގެ ބީޗް ހެދުމަށް ބޭނުންވާ އީއައިއޭ ހެދުމަށްވެސް އޮމްނި ސޮލިއުޝަންސް ލިމިޓެޑްއާއި ވަނީ ހަވާލުކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން އައްޑޫގެ ކަނޑެއޭޅޭ ސަރަހައްދުތަކުގައި ބީޗް ހެދުމަށް ބޭނުންވާ އީއައިއޭގެ އިތުރަށް، އޮޕްޝަންސް އެނަރލިސިސް އާއި އާޓިފިޝަލް ބީޗްތައް ޑިޒައިން ކުރުމުގެ މަސައްކަތް ވެސްވަނީ އެ ފަރާތާއި ހަވާލުކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން ޓޫރިޒަމް ޒޯންތަކުގެ އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، ޓޫރިޒަމް ޒޯންތަކަށް ކުރިމަތި ލުމުގެ ފުރުޞަތުވަނީ މިދިޔަ އަހަރު ފަހު ކޮޅު ހުޅުވާފައެވެ. އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓްހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަން ހުޅުވާލި ބިންތަކަށް ކުރިމަތިލާން ދިން މުއްދަތުގައި، 63 ބިމަކަށް ބިޑް ވިކިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫސިޓީގައި އީކޯ ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ފަސް ސަރަޙައްދުގެ ލޭންޑްސްކޭޕިންގގެ މަސައްކަތް ނިންމުމަށް ތިން ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީގެ ޓޫރިޒަމް ޕްލޭންގައި ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހިތަދޫ ފަޅޯ ދަނޑިފަންނު ޓޫރިޒަމް ޒޯން، މަރަދޫ، މަރަދޫފޭދޫ ކަޅިބިތް އިންޓިގްރޭޓެޑް ޓުރިޒަމް ޒޯން އެންޑް ބީޗް، ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އެން ޓުރިޒަމް ބީޗް އަދި ހުޅުދޫ މާފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން، މާފިށި އެކޯ ޓޫރިޒަމް ޒޯން، މާފިށި ޓޫރިސްޓް ބީޗްގެ އިތުރުން މީދޫ ހިކަހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ވިލެޖް އަދި މުލިމަތި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯންއެވެ.

އައްޑޫ ސީޓީގައި ރަށު ޓޫރިޒަމް ފުޅާ ކުރުމަށް 4،000 އެނދު ތަރައްގީ ކުރަން އައްޑޫ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން 2019 ވަނަ އަހަރުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.