English Edition
Dhivehi Edition

ރާއްޖެ ދަތުރު ކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން، އުރީދޫގެ ޚިދުމަތްތައް އަމިއްލައަށް ހޯދޭ ޑިޖިޓަލް ކިއޯސްކްއެއް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އުރީދޫ މޯލްޑިވްސްއިން މިއަދު ގާއިމްކޮށްފިއެވެ. 24 ގަޑިއިރު ޚިދުމަތްލިބޭ މި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ސިމްކާޑް ރެޖިސްޓަރކޮށް އިޝޫ ކުރެވެއެވެ. މީގެ އިތުރުން ސިމް ކާޑު ރިޗާރޖްވެސް ކުރެވޭނެއެވެ. އަމިއްލައަށް ޚިދުމަތް ލިބިގަނެވޭ ޑިޖިޓަލް ކިއޯސްކްއަކީ މިދުވަސްކޮޅު ކަސްޓަމަރުން އަދި މުވައްޒަފުންގެ ސަލާމަތަށް ބެލި ކަމުގައި ވިޔަސް މުހިންމު ޚިދުމަތެކެވެ.

އުރީދޫ މޯލްޑިވްސްއިން މިއަދު ބޭއްވި ޚާއްޞަ ހަފްލާގައި، ފަތުރުވެރިންނަށް ޚާއްޞަ މި ޑިޖިޓަލް ކިއޯސްކް އިފްތިތާހު ކޮށްދެއްވީ، މިނިސްޓަރ އޮފް ޓުއަރިޒަމް، ޑރ. މައުސޫމް އަބްދުﷲއެވެ. މިނިސްޓަރ ގެ އިތުރުން، އެމް.އޭ.ސީ.އެލް ގެ އެމް.ޑީ އަދި ސީ.އީ.އޯ، ގޯޑަން އެންޑްރިއު، އެމް.އެމް.ޕީ.އާރް.ސީގެ އެމް.ޑީ، ތޮއްޔިބް މުހަންމަދު އަދި ކޭމްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހްމަދު މިހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

“އުރީދޫގެ ތަސައްވުރާއި އެއްގޮތުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ބަލަނީ މުޖުތަމައުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ހޯދާދިނުމަށް. މުޅި ދުނިޔެ މިއަދު ކުރިމަތިލަމުން މި ދާ ގްލޯބަލް ޕެންޑެމިކާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ. އެހެންނަމަވެސް، ފަތުރުވެރިންނަށް ސަލާމަތްތެރި ތަނެއްގެ ގޮތުގައި ގާއިމްކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވީއިރު، ޚިދުމަތްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ފަތުރުވެރިކަމުގެ ދާއިރާ އަލުން އިއާދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ކޮންމެ ބޭފުޅެއްގެވެސް ޒިންމާއެއްކަމުގަ. އެގޮތުގެ މަތިން މިއަދު މި އިފްތިތާހު ކުރެވުނު ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ފަތުރުވެރިންނަށް ސަލާމަތްތެރިކަމާއެކު ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ.” އުރީދޫ މޯލްޑިވްސް ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

Image

24 ގަޑިއިރު ކަސްޓަމަރުންނަށް ޚިދުމަތް ލިބޭ މި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ. މީގެތެރޭގައި ޓުއަރިސްޓް ސިމް ކާޑު ބައްލަވައިގަތުން, ބިލަށް ފައިސާ ދެއްކުން,ރީޗާރޖް ޚިދުމަތްތަކުގެ އިތުރުން އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ދާދި ފަހުން ވަނީ “ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި ދިވެހި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް، ޑެސްޓިނޭޝަން މާރކެޓިންގް ކެމްޕޭނެއްވެސް ލޯންޗްކޮށްފައެވެ. މި ކެންޕެއިންގައި ދުނިޔޭގެ 10 ޤައުމަކުން 117 މިލިއަން މީހުންނަށް ވާސިލްވުމަށް އަމާޒުހިފާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބާރު ސްޕީޑެއްގައި ކުރިއެރުވުމަށް އުރީދޫއިން އެހީތެރިކަމާއި އެއްބާރުލުންދޭނެއެވެ.

Image