English Edition
Dhivehi Edition
އުރީދޫ މަސް ރޭސް

ކ. މާފުށީގައި ބޭއްވި ފޯރިގަދަ އުރީދޫ މަސް ރޭހުގައި ވާދަކޮށް، މުބާރާތުގެ އެއްވަނަ މަގާމު ޓީމް އެންޒީން ރޭ ކާމިޔާބުކުރިއިރު، ދެވަނަ މަގާމު ސްޓެލްކޯގެ ފިރިހެން ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންޒީން ހޯދާފައިވަނީ 923 ޕޮއިންޓާއެކުގައެވެ. ދެ ވަނައަށް ދިޔަ ސްޓެލްކޯގެ ޓީމަށް 606.25 ޕޮއިންޓް ލިބުނުއިރު، 597.75 ޕޮއިންޓާއެކު މުބާރާތުގެ ތިންވަނަ މަގާމު ހޯދީ އޭވިއަން ޓީމުންނެވެ. އެއްވަނަ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާ ވަނީ ދީފައެވެ.

ޖުމްލަ 14 ޓީމަކުން ބައިވެރިވި މި މުބާރާތުގައި ޓީމުތަކުން މަސްވެރިކަމަށް ފުރީ އިއްޔެ މެންދުރުފަހު 2:15 ގައެވެ. ފޯރިގަދަ ވާދަވެރިކަމަކާއެކު ކުރިއަށްދިޔަ މި ރޭހުގައި، ހުރިހާ ޓީމުތަކުން ވެސް މަސްވެރިކަން ނިންމާލުމަށްފަހު އެނބުރި މާފުއްޓަށް އައިސްފައިވަނީ ރޭ 9:00 ގައެވެ.

އުރީދޫން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ކާބަފައިންގެ ޒަމާންވީ މަސްވެރިކަމުގެ އާދަކާދަތައް ދިރުވައި އާލާކުރުމެވެ. އޭގެ އިތުރުން، މިއީ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ބަދަހިކޮށްދޭ މަސްވެރިންގެ އީދެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑަށް، އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވައި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ބޮޑު ހަރަކާތެކެވެ. މި މުބާރާތަށް އޮންނަ މަގުބޫލުކަން އިތުރުވަމުން އަންނައިރު، އަންނަ އަހަރު ބާއްވާ މަސްރޭހުގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެކަން އުރީދޫން ވަނީ ހާމަކޮށްފައެވެ.

ޓެގު