ކުޅުންތެރިންނަށް އެ މީހުންގެ އަމިއްލަ ރަށް ތަމްސީލުކޮށް، ރަށުގެ ފަހުރުވެރިކަން ދައްކައިދިނުމުގެ ފުރުސަތާއެކު މިހާރު ކުރިއަށްދާ “އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026” ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 48 ޓީމަކުން ވާދަކުރަމުން އަންނަ ކަމަށް އުރީދޫން ބުނެފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަށް ރާއްޖޭގެ އެކި އަތޮޅުތަކުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި މުބާރާތުގައި ވާދަކުރާ 48 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލާފައެވެ. އަދި ލީގުގެ ޗެމްޕިއަންކަން ހޯދުމަށްޓަކައި ވާދަވެރި 75 މެޗު މި މުބާރާތުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫން ބުނި ގޮތުގައި މި މުބާރާތުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށް ތަމްސީލުކުރުމުގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުމެވެ. ކުޅުންތެރިންނަށް އެ މީހުންގެ އަމިއްލަ ރަށުގެ ނަމުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ އީސްޕޯޓްސްގެ ތެރެއިން ރަށުގެ ފަހުރާއި އެކުވެރި ވާދަވެރިކަން އާލާކޮށްދޭނެ މުހިންމު ހަރަކާތެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
މިއީ މިދިޔަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި ފުރަތަމަ އަތޮޅު އީސްޕޯޓްސް ލީގަށް ބިނާކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ދެވަނަ އެޑިޝަނާއެކު އުރީދޫ ނޭޝަންގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދީ، ގޭމިން ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމެވެ.
މި މުބާރާތުގެ މެޗުތައް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ލައިވްސްޓްރީމް ކުރަމުން އަންނައިރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އަމިއްލަ ރަށުގެ ޓީމަށް ސަޕޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އަތޮޅު އީސްޕޯޓްސް ލީގަކީ ދިވެހި ގޭމަރުންނަށް މަތީ ފެންވަރުގެ މައިދާންތަކަށް ދިއުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫން ހާއްސަކޮށް ހިންގާ ހަރަކާތެކެވެ.