English Edition
Dhivehi Edition

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ 26 ސެޕްޓެމްބަރު އަހަރެމެންނާއި ބައްދަލުކުރި އިރު މުޅި ދުނިޔޭގެ ފަތުރުވެރިކަމަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ފަތުރުވެރިކަމާއި މެދު މީހުން ހޭލުންތެރިކުރުމާއި، ގައުމުތަކުގެ ސަގާފަތާއި ތާރީހުގެ އިތުރަށް ގިނަ ގައުމުތަކުގެ އިގްތިސާދާއި ބެހޭ ގިނަ ވާހަކަތައް ހިއްސާކޮށް، މީހުން ހޭލުންތެރިކުރުމަށް ފާހަގަކުރަމުން އަންނަ ފަތުރުވެރިންގެ ދުވަހާއި ގުޅިގެން މިފަހަރު މާގިނަ ކަންތައްތަކެއް ބާއްވާފައެއް ނުވެއެވެ.

ދުނިޔެއަށް ކުރިމަތިވި ކޮވިޑް19 ގެ ބިރުވެރިކަމާ އެކު ފަތުރުވެރިކަމުގެ ސިނާއަތު މިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު ގިނަ ގައުމުތަކަށް އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ. ކޮވިޑް19 ފެނުނުތާ 10 މަސްވެފައިވާއިރު މިހާރު ބައެއް ގައުމުތަކުން ‘ނިއު ނޯމަލަށް’ ތައްޔާރުވެ ދަތުރުފަތުރުގެ ހިދުމަތްވަނީ ފަށާފައެވެ. ވަރުގަދަ ފިޔަވަޅުތަކާއެކު ޓޫރިސްޓުންނަށް ގައުމުތައް ހުޅުވާލާފައިވާއިރު އަދިވެސް ދަތުރުކުރުމުގައި ސަމާލްކަން ދޭންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ.

  • އެއްތަނުން އަނެއް ތަނަށް ދަތުރުކުރާއިރު އަބަދުވެސް ހޭންޑް ސެނެޓައިޒާ، ޓިޝޫ، ފޭސް މާސްކް އަދި ފޭސް ޝިލްޑް ގެންދިއުމަށް ހަނދާންކުރާށެވެ.
  • ވީހާވެސް މަދުން ތަންތަނުގައި އަތްލާށެވެ. އޭޓީއެމް، ލިފްޓް ބަޓަން ފަދަ ގިނަ މީހުން އަތްލާ ތަންތަނުގައި، އަތްލުމަށްފަހު ރަގަޅަށް އަތް ދޮންނާށެވެ. އަދި ދަތުރުކުރާއިރު އަބަދުވެސް މޫނުގައި އަތްނުލާވޭތޯ މަސައްކަތްކުރާށެވެ.
  • ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދައްކާށެވެ. އަދި އެއާޕޯޓަށް ގޮސް އުޅޭއުޅުމުގައި ގިނަތަންތަނަށް ވަދެ ނިކުމެ ހެދުމުގެ ބަދަލުގައި ތަންކޮޅެއް މީހުން މަދު ސަރަހައްދެއްގައި އިނުމަށް އިސްކަންދޭށެވެ.
  • ފްލައިޓުން ދަތުރުކުރާއިން ކުޑަދޮރު ކައިރީ އިށީނުމަށް އިސްކަންދޭށެވެ. ކިރިޔާވެސް ޖާގައެއް ލިބޭނަމަ ކުޑަދޮރު ކައިރިން ސީޓެއް ހޯދަންޖެހޭ އެންމެ މުހިއްމު ސަބަބަކީ ފްލައިޓްތެރޭގައި ހިނގާ މީހުންނާއި ކޮންޓެކްޓުވުން ހުއްޓުވުމެވެ.
  • އަބަދުވެސް ފެންފުޅިއެއް ގެންގުޅުމަށް އިސްކަންދޭށެވެ. ބައެއް ފަހަރު ފްލައިޓްގައި ހުންނަ ފެނަކީ އެންމެ ރައްކާތެރި ފެންކަމުގައި ނުވެދާނެއެވެ.
  • ބަލިވެ އުޅޭނަމަ ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށް އިސްކަންދީ ޗުއްޓީއަށް ދިއުން ފަސްކޮށްލާށެވެ.
  • އަބަދުވެސް ތިމާގެ ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން އެހެން މީހުންގެ ރައްކާތެރިކަމަށްވެސް އިސްކަންދޭށެވެ.
  • ކޮންމެ ގައުމަކުންވެސް ކަނޑައަޅާފައިވާ ސޭފް ޓޫރިޒަމް ގައިޑްލައިން ގައިވާ ކަންތައްތަަކަށް ހާއްސަ އިސްކަމެއް ދީ ދަތުރު ފެށުމުގެ ކުރިން ގައިޑްލައިން ކިޔާލަށެވެ.