‘ސީ.ޖީ.އެމް ޝެފް އެވޯޑް 2022’ ސ.މީދޫ އޮމާން އަހްމަދު މުހްތާރު ހާސިލް ކޮށްފިއެވެ.
ރޭ ކުރުނބާ މޯލްޑިވްސްގައި އޮތް އެވޯޑް ހަފްލާގައި މުހްތާރަށް އެވޯރޑް ލިބިފައިވަނީ އެގްޒެކިއުޓިވް ޝެފް ގެ ދާއިރާ އިންނެވެ.
ޓޫރިޒަމް ދާއިރާގައި 39އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ އަދިވެސް އެ މަސައްކަތުގައި ދެމިހުރި މުހްތާރަކީ ކަލިނަރީ ދާއިރާ އިން މިހާތަނަށް ވަރަށް ގިނަ ކުރިއެރުންތައް ހޯދައިފައިވާ ފަރާތެކެވެ. އެގޮތުން 2008 ވަނަ އަހަރު މުހްތާރުވަނީ ޖަރުމަނުގައި އޮތް ޕްރެކްޓިކަލް ކުކިންގ އިން ފައިން ޑައިނިންގ އަދި ވެސްޓާން ކުކިންގ ތަމްރީނެއްގައި ބައިވެރިފައެވެ. މި ކާމިޔާބީ އާއި ހަމައަށް މުހްތާރް ވާސިލް ވެފައިވަނީ ދިރިއުޅުމުގައި، އަދި މަސައްކަތުގެ މައިޒާނުގައި ވަރަށް ގިނަ ގޮން ޖެހުންތަކަކާއި ހަނގުރާމަ ކުރުމަށް ފަހު އޭނާގެ އަމިއްލަ ހިތްވަރާއި މިންނަތުންކަމަށް މުހްތާރް ވަނީ ބުނެފައެވެ.
ފިހާޅޮހި ރިސޯރޓްގައި މިވަގުތު އެގްޒެކިއުޓިވް ޝެފެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ މުހްތާރު ބުނީ، މި ކާމިޔާބީ ލިބުމުން އެންމެ ފުރަތަމަވެސް ޝުކުރު އަދާ ކުރަންބޭނުން ވަނީ މާތްﷲ އަށް ކަމަށެވެ. އަދި އެންމެ ފުރަތަމަ ޓޫރިޒަމް ދާއިރާ އާ ގުޅުނު ހިސާބުން އޭނާ އަށް މިއަދާ ހަމައަށް މަސައްކަތުގެ މާހައުލުން އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށާއި އޭނާގެ އާއިލާ އަށް ވެސް މުހުތާރު ވަނީ ޝުކުރު އަދާކޮށްފައެވެ.
ސީޖީއެމް ޝެފްސް އެވޯރޑް ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ، ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ކަލިނަރީ ދާއިރާގެ ފުންނާބުއުސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.