ފަތުރުވެރިކަމާ ބެހޭ މުހިންމު މައުލޫމާތު ފޯރުކޮށްދީ ދެމެހެއްޓެނިވި ގޮތެއްގައި ލޯކަލް ޓުއަރިޒަމް ހުވަދު އަތޮޅުގެ ރަށްތަކުގައި ކުރިއެރުވުމަށް އެ އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށް ބާއްވާ ފުރަތަމަ ޓޫރިޒަމް ސެމިނާ ގދ. ވާދޫގައި ބާއްވައިފިއެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު ފެށިގެން ދިޔަ މި ޓޫރިޒަމް ސިމްޕޯސިއަމް ބާއްވާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. މި ސިމްޕޯސިއަމްގައި ޖުމްލަ 40 މީހުންނާއި ދަރިވަރުން ބައިވެރިވިއެވެ.
މިއީ ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ހެރިޓޭޖް މިނިސްޓްރީ އާއި ގދ. ވާދޫ ކައުންސިލް އިދާރާ ގުޅިގެން ބާއްވާފައިވާ ސިމްޕޯސިއަމްއެކެވެ.
މި ސިމްޕޯސިއަމްގެ އެންމެ ބޮޑު މަގްސަދަކީ ހުވަދު އަތޮޅުގެ ރަށްތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ބިނާކުރުމަށް ބާރު އަޅައި މި ދާއިރާގެ ސަބަބުން ކުރާ ރަނގަޅު ނުވަތަ ނޭދެވޭ އަސަރުތައް ދެނެގަނެ ރައްޔިތުން ހޭލުންތެރިކުރުވުމެވެ.
ގިނަ ބައެއްގެ ތަރުހީބު ލިބިގެން ކުރިއަށް ގެންދިޔަ މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ރަށު ކައުންސިލާއި ފެނަކަ މުވައްޒަފުންނާއި އެހެނިހެން އިދާރާތަކުގެ އިތުރުން ސްކޫލް ދަރިވަރުން ވެސް ވަނީ ބައިވެރިވެފައެވެ.
ހުވަދު އަތޮޅުގެ ހުރިހާ ރަށްތަކަށް ބަހާލައިގެން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ސެމިނާތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާިއރު ކޮންމެ ރަށެއްގައި މި ސެމިނާތައް ބާއްވާނީ އެރަށަކާ އެންމެ ގުޅުން ހުރި ކަމެއްގެ މައްޗަށް ކަމައް ހެޓް އިން ބުނެއެވެ. އެގޮތުން ދެން އެންމެ އަވަހަށް ސެމިނަރ ބާއްވާނީ އެ އަތޮޅު ގައްދުއާ ތިނަދޫގައި ކަމަށް ވެސް އެފަރާތުން ބުނެއެވެ.
ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ސިމްޕޯސިއަމްގައި ވާދޫގެ 40 ހެރިޓޭޖް ސައިޓެއް ވަނީ ބަލާ ދިރާސާކޮށްފައެވެ. އަދި އެމްއެންޔޫ އިން ވަނީ މިސިމްޕޯސިއަމް ގައި ޕްރެސެންޓޭޝަންތައް ހުށަހަޅާފައެވެ. އަދި ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.