މަސްތުވާތަކެތީގެ މައްސަލައިގައި ބޮލީވުޑްގެ ގިނަ ފަންނާނުން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ހާޒިރުކޮށް ސުވާލުކުރަމުން އަންނައިރު މިއަދު އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ފަންނާނުންގެ ތެރޭގައި މަޝްހޫރު ތަރި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީހާންވެސް ހިމެނެއެވެ.
މިއަދު ސާރާ އެންސީބީ އަށް ހާޒިރުކޮށް ގިނަ އިރުތަކެއް ވަންދެން ސުވާލުކޮށްފައިވާއިރު، މި މައްސަލައިގައި ސައިފް އެއްވެސް އެއްޗެއް ނުބުނެ ހަނު ހުންނާތީ ގިނަ ބަަޔަކުވަނީ ސައިފްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. މި ފާޑުކިޔުންތަކާއެކު ސައިފްއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު، ސައިފް އޭނާގެ ދަރިފުޅަށްވުރެ ބޮޑު އިސްކަމެއް މިހާރުގެ އަނބިމީހާ ކަރީނާ ކަޕޫރަށް ދެމުން އަންނަކަމަށްވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.
ގިނަ ބައެއްގެ ވާހަކަތަކަށް މިއަދު އިތުރު ބާރެއް ލިބިގެން ދިޔައީ ސާރާ އެންސީބީ އަށް ހާޒިރުކުރި އިރު ސައިފް އޭނާ އާއި އެކު ނެތުމުންނެވެ. އިންޑިއާގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން މީގެ ދެދުވަސްވަރު ކުރިން ކަރީނާއާއި ސައިފް އަދި އެދެމީހުންގެ ދަރިފުޅު ތައިމޫރް ވަނީ ދިއްލީއަށް ގޮސްފައެވެ. އާމިރް ޙާން އާއި އެކު ކަރީނާ ކުޅެމުން އަންނަ ލާލް ސިންގް ޗައްޑާގެ ޝޫޓިންގްއަށް އެމީހުން ދިއްލީއަށް ދިޔަ އިރު ސައިފް އާއި ދަރިފުޅުވެސް އެއާޕޯޓަށް ފުރަން ގޮސް ނަގާފައިވާ ފޮޓޯ މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ސާރާ އާއި ސުޝާންތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނެ މީގެ ކުރިންވެސް ގިނަ ވާހަކަތަކެއް ފެންމަތިވެފައިވާއިރު އެންސީބީއަށް ސާރާ ދިން ބަޔާނުގައި ބުނީ “ކެދަރްނާތު” ފިލްމް ކުޅުނު އިރު އޭނާ އާއި ސުޝާންތު ވަރަށް ގާތް ކަމަށެވެ. އަދި ސުޝާންތު އާއި އެކީ ސިގިރޭޓް ބުއި ނަމަވެސް އެއްވެސް ގޮތަކަށް ޑްރަގް ބޭނުންކޮށްފައި ނުވާނެ ކަމަށް ސާރާ ވަނީ ބުނެފައެވެ.
މި މައްސަލާގައި ބަތަލާ ޝްރައްދާ ކަޕޫރު އަދި ދީޕިކާ ޕަޑުކޯން ވެސްވަނީ އެންސީބީ އަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފައެވެ.