English Edition
Dhivehi Edition

ޔަޝް ރާޖް ފިލްމްސް އިން 2005 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު ބަންޓީ އޯރް ބަބްލީގެ ސީކުއަލް ގެ ޝޫޓިން ނިންމާލައިފިއެވެ.

ވައިއާރްއެފްއިން ފިލްމުގެ ތަރިންގެ ފޮޓޯތަކަކާ އެކު ކުރި ޓުވީޓެއްގައި ބުނީ ކާމިޔާބުކަމާއި ރައްކާތެރިކަމާއި އެކު ފިލްމުގެ މަންޒަރުތައް ނަގައި ނިންމާލެވިއްޖެ ކަމަށެވެ.

ވަރުން ވީ ޝަރްމާ ޑައިރެކްޓްކުރާ މި ފިލްމު ކުރިން ޖޫން މަހުގެ ތެރޭގައި ރިލީޒްކުރުމަށް ނިންމިއިރު، ކޮވިޑް19 އާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ފިލްމުގެ މަސައްކަތްވަނީ މެދުކަނޑާލާފައެވެ. ފިލްމުގެ މަންޒަރުތައް ނިންމުމަށް ހުރިހާ އެންމެންވެސް ބުރަ މަސައްކަތެއް ކޮށްފައިވާކަން ފާހަގަކޮށް ވައިއާރްއެފްއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފިލްމުގެ ޝޫޓިންކުރިއަށް ގެންދިޔުމުގެ ކުރިން ތަރިންނާއި ކްރޫ ޓީމުން 14 ދުވަހަށް ކަރަންޓީންވެފައިވާ ކަމަށެވެ.

މި ފިލްމުގެ ދެ ވަނަ ބައިގައި، ކުރީގެ ފިލްމުގައި ހިމެނުނު ރާނީ މުކަރްޖީ ފިޔަވައި މުޅިންވެސް އާ ކާސްޓުން ހިމަނާފައިވާއިރު، މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ގަލީ ބޯއި އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދީ ސިދާންތު ޗަތުރްވެދީ އާއި ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރި ޝަރްވަރީ އެވެ. މި ފިލްމަކީ ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާން 11 އަހަރަށް ފަހު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު އަދި މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.