އައްޑޫ ސިޓީ މީދޫ އިން ދިނުމަށް އިއުލާންކުރި ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް، އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުން ލަސްވަނީ އީދާރީ ގޮތުން ނިންމަންޖެހޭ ބައެއް ކަންކަން އަދި ނުނިމޭތީކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރ ހިޔާޒް ހަސަން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީ ހުޅުދޫ، މީދޫ އަދި މަރަދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ، ތިން އަވަށުގެ އިއުލާންތައް އެއް ތާރީހެއްގައި ކޮށްފައިވާއިރު، ހުޅުދޫ އަވަށުންވަނީ ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށްފައެވެ.
މިކަމާއި ގުޅިގެން ‘އޭއޯ ނިއުސް’ އިން ކައުންސިލާރ ހިޔާޒް އާއި ކުރި ސުވާލަކަށް ޖަވާބުދެއްްވަމުން ވިދާޅުވީ މީދޫ ލިސްޓުގައި ނިންމަންޖެހޭ ބައެއްކަންކަން އަދި ނިމިފައި ނުވާކަމަށާއި މަސައްކަތްކުރަމުން ދަނީ މި ހަފްތާ ތެރޭ ލިސްޓް އާންމުކުރެވޭތޯކަމަށެވެ. ” ހީވަނީ މި ހަފްތާ ތެރޭގައި ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރެވޭނެހެން” ހިޔާޒް ވިދާޅުވިއެވެ.
،ހުޅުދޫ އިން 2000 އަކަފޫޓްގެ 50 ގޯއްޗާއި މީދޫ އިން 2000 އަކަފޫޓްގެ 50 ގޯތީގެ އިތުރުން މަރަދޫ އިން 1500 އަކަފޫޓުގެ 30 ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުދޫ އިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކުރިއިރު މާލޭގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކަށް ގޯތި ލިބުމާއި ގުޅިގެން، ހުޅުދޫ ރައްޔިތުންވަނީ އިހުތިޖާޖުކޮށް އެ އިއުލާން ބާތިލުކުރުމަށް ހުޅުދޫ ކޯޓަށް އެ މައްސަލަ ހުށަހަޅާފައެވެ.