English Edition
Dhivehi Edition
އައްޑޫސިޓީ/ފޮޓޯ އިންޓަނެޓް

އައްޑޫ ސިޓީ އިން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީގެ ހަތަރު އަވަށުން 4052 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ އިރު، ގޯއްޗަށް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓު އާންމުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 05 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މި މުއްދަތު ތެރޭގައި ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ގޯތީގެ ގުރުނެގުމުގެ ކުރިން ނުވަތަ ގޯތި ހަވާލުކުރުމުގެ ކުރިން ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރުގެ ވުޒާރާއަކުން ލިބޭ އެފަރާތްތަކުގެ ބޯހިޔާވަހިކަމުގެ މައުލޫމާތަށް ބިނާކޮށް، މި ލިސްޓުގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމުގެ ނުވަތަ ލިބިފައިވާ ޕޮއިންޓަށް އުނިއިތުރު އައުން އެކަށީގެންވާ ކަމެއްކަމުގައެވެ. އަދި މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކޮށް، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް ކައުންސިލުން އާންމުކުރުމުގެ ކުރިން، މިހާރު ޝަރުތުހަމަވެ، ގޯތި ލިބޭ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ، އެ ދެމަފިރިންގެ ތެރެއިން ގޯތި ލިބޭ ފަރާތް އުސޫލުގައިވާ ގޮތުގެ މަތިން ކަނޑައަޅައި، ގޯތި ނުލިބޭ ފަރާތް އުނިކުރެވޭނެކަމަށްވެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ބުނީ، އައްޑޫސިޓީގެ އެކި އަވަށްތަކުން ގޯއްޗަށް އެދި ހުޅުވާލުމުން އެއް އަވަށަށްވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް އެފަރާތުން އެދޭ އެއް އަވަށެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ބާކީހުރި އަވަށްތަކުގެ ލިސްޓުން އެފަރާތްތައް އުނިކުރެވޭނެ ކަމަށެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޝަކުވާގެ މުއްދަތު ހަމަވާތާ، ރަސްމީ 10 ދުވަސްތެރޭ އާންމުކުރުމަށް ހަމަޖެހިފައިވާއިރު ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުމަށްފަހު، ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްވަނީ ނިންމާފައެވެ.