English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީއެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ސާޖަރީ އާއި ގުޅޭ ގޮތުން އޭޑީކޭއިން ބުނީ، އުމުރުން 62 އަހަރުގެ ފިރިހަނެއްގެ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭއީއެޗްގެ މެޑިކަލް ޓީމުން އޭޑީކޭގެ ނިއުރޯ ސާޖަރީ ޓީމުގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.އަދި މި އޮޕަރޭޝަން ކުރުމަށްޓަކައި އެ ހޮސްޕިޓަލްގެ ޓީމެއް އައްޑޫ އަށް ގޮސްފައިވާކަމަށް އޭޑީކޭއިންވަނީ ބުނެފައެވެ.

އިތުރަށް އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލްގެ ޓީމް، ސިއްހީ ސާމާނާއެކު އައްޑޫއަށް ދިޔައީ އެމީހާގެ ބަލި ހާލަތު ހުރިގޮތުން މާލެ ގެނެވެން ނެތިގެންކަމަށާއި އެމީހާގެ ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ އޭއީއެޗްގައި ރޭ 11:45 ގައިކަމަށެވެ. ސާޖަރީއަށްފަހު އެމީހާގެ ހާލަތު ރަނގަޅުވުމުން މިއަދުގެ ފަތިހުގެ ވަގުތެއްގައި އެމީހާ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންކުރުމަށްޓަކައި އައްޑޫ އަށް ޒިޔާރަތްކުރި އޭޑީކޭގެ ޓީމުގައި ހިމެނެނީ ޑރ.އަލީ ނިޔާފް އާއި ޝަމޫނާ އަލީ ގެ އިތުރުން ޑރ.އަދީލް ޝަރީފް އެވެ.