English Edition
Dhivehi Edition

ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައިވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، އައްޑޫ ސިޓީގައި ކަރަންޓީން ފެސްލިޓީއެއްގެ ގޮތުގައި ގަމުގެ ދޫގަސް ބޭނުންކުރަން ނިންމައިފިއެވެ.

އައްޑޫގެ ކަރަންޓީނު ފެސިޓީއަކަށް ދޫގަސް ނަގައި، އެތަނުގައި ހަ އެނދު ތައްޔާރުކޮށްފައިވާއިރު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއޭ) ގައި ވެސް އައިސޮލޭޝަނަށް ހަތަރު އެނދުގެ ވޯޑެއް ތައްޔާރުކޮށްފައިވާކަމަށް އައްޑޫގައި އެކުލަވާފައިވާ ޓާސްކް ފޯހުން ވަނީ ހާމަކޮށްފައެވެ. އަދި ކުއްލި ކަރަންޓީނަކަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ވެސް ޖާގައެއް ހަމަޖައްސާފައިވާއިރު އެ ދެއަވަށުން މީހަކު ކަރަންޓީނުގައި ބަހައްޓަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހަކު ވެސް ބަހައްޓާނީ ދޫގަސްގައިކަމަށް ޓާސްކް ފޯހުންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހޮސްޕިޓަލުން ފްލޫ ކްލިނިކްގެ ހިދުމަތްވެސް ދޭން ފަށާނެއެވެ.

ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން އައްޑޫސިޓީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ ސިޓީގެ އަވަށްތަކުގައި ބިދޭސީންނަށް މި ބައްޔާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ދިވެހި ރެޑްކްރެސެންޓް އައްޑޫ ބްރާންޗުންވެސް ކަމާއި ގުޅޭ އެކި މައުލޫމާތު މުއައްސަސާތަކާއި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.