English Edition
Dhivehi Edition

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބައްޓަންކޮށް ދެމެހެއްޓެނިވި ގޮތަކަށް އެ ނިޒާމު ހިންގިދާނެ ކަމަށް ނުބެލެވޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

“ރާއްޖެ ޓީވީ” ގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަމުން ރޮޒައިނާ ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ވަކި ނިޒާމެއް އޮވެގެން ކޮރަޕްޝަން ނައްތާލެވިފައި ނެތްކަމަށާއި ރާއްޖޭގައިވެސް ކޮރަޕްޝަނާއި ހިޔާނާތައި އެހެން މައްސަލަތައް ވެސް ކުރިމަތިވަނީ ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ހިންގިދާނެ ކަމާ މެދު ޔަގީން ކަމެއް ނެތްކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ މެންބަރުން ޕާޓީ ބަދަލު ކުރަމުންދާ ނިސްބަތް ގިނަވުމުން މަޖިލީހުގެ އަޣުލަބިއްޔަތު ބަދަލުވެ، ވެރިކަން ކުރާ ޕާޓީ އަވަސް އަވަހަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މި ކަމުގައި އޮންނަ އެންމެ ރަނގަޅު ގޮތަކީ ރައްޔިތުން ކަނޑައަޅާ ނިޒާމެއް ރަނގަޅަށް ތަންފީޒު ކުރުން ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތުން ކަނޑައަޅާފައި ވަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

އިތުރަށް ރޮޒައިނާ ވިދާޅުވީ ރާއްޖޭގެ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަންނަވަން ބޭނުންވަނީ ފަސް ހާހެއްހާ މަދު ވޯޓު ކަމަށާއި މަޖިލިސް ތެރެއިން ސަރުކާރު އެކުލަވާލާނަމަ ގޮނޑިއަށް އިންތިހާބު ވުމުގެ ފުރުސަތު އޮންނާނީ ފައިސާވެރިންނާއި ވިޔަފާރިވެރިންގެ އިތުރުން އެފަދަ ފަރާތްތަކުގެ މަދަދުގައި އަންނަ ބޭފުޅުންނަށްކަމަށެވެ.