އައްޑޫ ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް 17 މިލިއަން ޑޮލަރު (262.14 މިލިއަން ރުފިޔާ) އިންވެސްޓް ކުރަން ސަރުކާރުން ނިންމައިފި އެވެ.
އައްޑޫ އެއާޕޯޓް ތަރައްޤީކުރުމަށް އިންޑިޔާގެ އެގެޒިމް ބޭންކުން ދިވެހިރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓްއިން 17 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާއިރު މިކަމާއި ގުޅޭގޮތުން ‘ސަން’އަށް ދިން އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗާއަށް މިވަގުތަށް ވެސް އިންވެސްޓްކޮށްގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެގޮތުން ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން އައްޑޫ މުޅި ރާއްޖެއާ ގުޅުވައިލުމަކީ އައްޑޫގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް އަދި ބަދަލު އަންނާނެ ކަމެއް ކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އެ އަމާޒަށް ވާސިލް ވެވެން އޮތީ އައްޑޫ އެއާޕޯޓް އިތުރަށް ތަރައްގީކޮށް ގިނަ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމްތަކެއް ހަމަޖެއްސިގެންކަމަށެވެ. އައްޑޫ އެއާޕޯޓަށް ފްލައިޓްތައް އިތުރުނުކުރެވިގެން އުޅޭ ސަބަބު ހާމަކުރައްވަމުން ފައްޔާޒު ވިދާޅުވީ އައްޑޫ އެއާޕޯޓްގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި އެ އެއާޕޯޓުގައި ހުރި މައްސަލަތައް ހައްލުކުރަން އިންވެސްޓްކޮށް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
މި އިންވެސްޓްމަންޓުގެ ތަފްސީލްތައް ދެއްވަމުން ފައްޔާޒު ވިދާޅުވީ، 17 މިލިއަން ޑޮލަރު ހަރަދުކޮށް އައްޑޫ އެއާޕޯޓްގެ ޓާމިނަލްއަށް ބައެއް ބަދަލުތައް ގެނައުމާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރެއް ގާއިމް ކުރުން އަދި އެ އެއާޕޯޓްގެ ފަޔާ އެންޑް ސޭފްޓީ އާއި ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާނެ ޒަމާނީ އާލާތްތައް ގާއިމް ކުރެވިގެންދާނެކަމަށެވެ.، އަދި މި ކަންކަންކުރެވުމުން އެއާޕޯޓު ހިނގައިނުގަނެ އޮތް މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް، އެ ޤައުމުގެ އެގްޒިމް ބޭންކު މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދީފައިވާއިރު މި ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގަން އިއުލާނުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި މިފްކޯގެ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމާއި، މާލެ ސަރަހައްދުގެ ކަނޑުގެ ބަނދަރު ގުޅީފަޅުގައި ތަރައްޤީކުރުމާއި، ގުޅީފަޅާއި ވިލިމާލެ އަދި މާލެ ގުޅުވައިލާ ބުރިޖުގެ މަޝްރޫއު ފަދަ ގިނަ މަސައްކަތްތައް ހިމެނެއެވެ.