އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި ދެކޮޅަށް ދެން މަސައްކަތް ނުކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. ބަރުލަމާނީ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވާ އިބްރާހިމް ވަހީދު (އިބްރޭ) އެމްޑީޕީގެ ކޮންގްރެސްގެ ކަންކަމުގައި އިސްކޮށް އުޅުއްވާތީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރެއްވި ޝަކުވާއާއި ގުޅިގެން ރައީސް ނަޝީދު ވަނީ ފައްޔާޒާއި ދެކޮޅަށް ކުރިން މަސައްކަތް ކުރެވުނީ އަނދުން ހުސެއިން އާއި ހެދިކަމަށް ވިދާޅުވެފައެވެ. އަދި ފައްޔާޒާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނަށް މީގެ ކުރިން ކުރެއްވުނު ގޯސްކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒާ އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ ފައްޔާޒާ އެކުގައި ކުރިއަށް ވަޑައިގަތުމަށްކަމަށެވެ.
ރައީސް ނަޝީދު އާއި ފައްޔާޒުގެ މެދުގައި ވާ ހަމަނުޖެހުންތައް ބޮޑުވެ މީގެ ކުރިން ދެ ބޭފުޅުންވެސް ވަނީ އެކަކު އަނެކަކަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ. މި ގޮތުން ރައީސް ނަޝީދު ވަނީ ފައްޔާޒު އުޅުއްވަނީ “ބްރޯ ހެދިގެން” ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ އެކޮނޮމިކް މިނިސްޓްރުކަންވެސް ކުރައްވާ ފައްޔާޒު އެ މަގާމުން ވަކި ކުރުމަށް ރައީސް ނަޝީދު ވަނީ މަސައްކަތް ކުރައްވާފައެވެ.