އައްޑޫ ސިޓީ ހުޅުދޫ އިން ގޯއްޗަށް އެދި ހުށަހެޅުމަށް، މިދިޔަ އަހަރު ޖޫންމަހު ކޮށްފައިވާ އިއުލާން ބާތިލުކޮށް ދިނުމަށް، އައްޑޫ ސިޓީ ހުޅުދޫ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އައްޑޫ ސިޓީ ހުޅުދޫ ބުލްބުލާގެ އަހްމަދު އަޒްލީންއެވެ. މި އިއުލާން ބާތިލުކޮށްދިނުމަށް އެދި އަޒްލީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫންގައި(ޤާނޫން ނަންބަރު:01/2002)ގެ ދަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވައިދުގެ 13 ވަނަ މާއްދާގެ “ށ”ގައިވާ ގޮތުގެ މަތިން އެ އިއުލާންގައި ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަހައްދު ހިމަނާފައިނުވާކަމަށެވެ.
މީގެ އިތުރުން މި އިއުލާންގެ ސުންގަޑި 29 އޮގަސްޓް 2019 ވަނަ ދުވަހު މެންދުރުފަހު 14:00 އަށް ހަމަވެފައިވާއިރު، ހަމަ އެ ދުވަހު 16:43 ގައި އިއުލާންގައިވާ 05ވަނަ ނަންބަރަށް ބަދަލު ގެނެސް ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. ހުޅުދޫ އޮފީހުން ކުރި އިއުލާންގެ 05 ނަންބަރުގައި ވާ، ރަށުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ ދިހަ ޕޮއިންޓް އުނިކޮށްފައިވާއިރު، އެ އަވަށުގެ އިއުލާނާއި އެކު ދެން ގޯތި ދިނުމަށް އިއުލާންކުރި އެއްވެސް އަވަށެށްގެ އިއުލާނަށް ބަދަލެއް ގެނެސް މުއްދަތު އިތުރުކޮށްފައި ނުވާ ކަމަށްވެސް މި މައްސަލައިގެ ތަފްސީލްގައިވަނީ ބަޔާންކޮށްފައެވެ.
އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ގޯތި ދިނުމުގައި ޕޮއިންޓް ދޭ އުސޫލު ތަފާތުވުމަކީ ބޮޑު މައްސަލައެއްކަން ފާހަގަކޮށް ރާއްޖޭގެ ހުރިހާ ރަށެށްގައިވެސް ބްނަޑާރަ ގޯތި ދިނުމުގައި ރަށުގައި ދިރިއުޅޭ މީހުންނަށް 10 ޕޮއިންޓް ލިބޭކަން މި މައްސަލަ ހުށަހެޅުއްވި ފަރާތުންވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި ސަބަބުތަކާއެކު މި އިއުލާނަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބާތިލު އިއުލާނެއްކަމަށް މި މައްސަލަ ހުށަހެޅި ފަރާތުންވަނީ ބުނެފައެވެ.
ހުޅުދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ކައުންސިލަށް އަމާޒުވެފައިވާއިރު ޝުކުރީ ވިދާޅުވީ ޕޮއިންޓްދޭ އުސޫލަށް ގެނައި އިސްލާހު ސުންގަޑި ހަމަވުމުގެ ކުރިން އިއުލާންކޮށްފައިވާނެކަމަށެވެ. އަދި ވަކި ތަނެއްގައި އުޅުމުގެ ސަބަބުން ޕޮއިންޓް ލިބޭ އުސޫލު ބަދަލުވެގެން ދިއުމަކީ ގަބޫލުކުރައްވާ ކަމެއް ނޫންކަން ފާހަގަކޮށް ޝުކުރީ ވިދާޅުވީ މި އިސްލާހަކީ މާލޭގައި ދިރިއުޅޭ ހުޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމާއެކު ޤާނޫނީ ލަފައާއި އެކު ގެނައި އިސްލާހެއް ކަމަށެވެ.