English Edition
Dhivehi Edition

ކުރީ ސަރުކާރުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގޯއްޗާއި ފްލެޓް ދިނުމަށް ހިންގި ‘ބިންވެރިޔާ’ އަދި ‘ގެދޮރުވެރިޔާ’ ސްކީމުގެ ދަށުން ފްލެޓާއި ގޯތި ލިބުނު ކަމަށް ފައިނަލް ލިސްޓުގައި ނަން އޮތް އެންމެންނަށް ދެ ހަފްތާތެރޭ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި އަދި ފްލެޓް ހަވާލު ކުރުން، އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދާނެކަމަށެވެ.

މި ހަފްތާ އަދި މި އަންނަ ހަފްތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން ކުރިއަށް ގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށެވެ. އަދި ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށް ވެސް ތައްޔާރުވަމުން ދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.