English Edition
Dhivehi Edition

ކޮންމެ ތަނެއްގައި ދިރިއުޅުނު ނަމަވެސް ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެން ގުޅޭނެ ކަމަށް އައްޑޫ ސިޓީ ހުޅުދޫ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވެއްޖެއެވެ.

ޝުކުރީ މިހެން ވިދާޅުވީ ހުޅުދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުންނެވެ. ހުޅުދޫ އިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކުރިއިރު މާލޭގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކަށް ގޯތި ލިބުމާއި ގުޅިގެން، ހުޅުދޫ ރައްޔިތުންގެ އިހްތިޖާޖުކުރުމަށް ތައްޔާރުވަމުން އަންނައިރު ޝުކުރީ ވިދާޅުވީ މާލޭގައިވެސް ދިރިއުޅެނީ ހުޅުދޫ ރައްޔިތުންކަމަށާއި އެމީހުން މާލޭގައި ދިރިއުޅެމުންދަނީ ކޮންމެހެން އެ ގޮތް ބޭނުންވެގެން ނޫންކަމަށެވެ. ” މާލޭގައި ދިރިއުޅޭ ހުޅުދޫ ރައްޔިތުން އެތަނުގައި އުޅެނީ ކޮންމެހެން އެ ގޮތް ބޭނުންވެގެނެއް ނޫން. އަސާސީ ހައްޤުތައް މި ތަނުން ލިބެން ނެތުމުން މަޖުބޫރުވެގެން. އެމީހުން އުޅެނީ ރަށު ރައްޔިތުންނަށްވުރެ މާ ހާލުގައި، ހާއްސަކޮށް ކޮވިޑް19 ގެ މިކަންތަކުގައި ގިނަ ރައްޔިތުން ތިބީ ވަރަށް ނިކަމެތިކަންމަތީގައި” ޝުކުރީ ވިދާޅުވިއެވެ.

އިތުރަށް ޝުކުރީ ވިދާޅުވީ ކޮންމެ ތަނެއްގައި ދިރިއުޅުނު ނަމަވެސް ހަމަހަމަކަމާއެކު ހައްޤުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި މި ގޮތުން ކައުންސިލުން މާލެއަށް ކުރި ދަތުރުގައި ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރުމުން ގޯއްޗަށް އެދި ހުށަހެޅުމުގައި ޕޮއިންޓްދޭ އުސޫލު ބަދަލުކުރުމަށް ގިނަ ބަޔަކު އެދިފައިވާ ކަމަށެވެ.” ހުޅުދޫގެ %64 މީހުން ދިރިއުޅެނީ މާލޭގައި. ކައުންސިލުން އެމީހުނާއި ބައްދަލުކުރުމުން ވަރަށް ގިނަ މީހުންގެ ޝަކުވާއަކަށްވި ރަށުގައި ދިރިއުޅޭ މީހުންނަށް 10 ޕޮއިންޓް ލިބޭ ގޮތަށް އޮތް އޮތުން. އެހެންކަމުން ގާނޫނީ ބޭފުޅުންގެ ލަފާއާއި އެކު،ކޮންމެ ތަނެއްގައި އުޅުނަސް ޕޮއިންޓް ލިބޭ ގޮތަށް އިސްލާހު ހުށަހެޅީ. އެ އިސްލާހު ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް މުއްދަތް ހަމަވުމުގެ ކުރިން ގެޒެޓްވެސް ކޮށްފައިވާނެ” ޝުކުރީ ވިދާޅުވިއެވެ. އިތުރަށް ޝުކުރީ ވިދާޅުވީ ކޮންމެ ތަނެއްގައި އުޅުނަސް ހުރިހާ ރައްޔިތުންނަށް ހަމަހަމަވާނެ ގޮތަށް މަސައްކަތްކުރައްވާނެ ކަމަށާއި ހައްގުތައް ހޯދައިދިނުމުގައި ދިރިއުޅޭތަނަށް ނުބަލާނެކަމަށެވެ.

މީގެ އިތުރުން ރަށުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް މިހާރުވެސް ގޯތި ލިބި އެ ގޯތިތަކާއި ހަވާލުނުވެ ހުރިކަން ފާހަގަކޮށް ޝުކުރީ ވިދާޅުވީ ފަސް އަހަރު ދުވަސް ވާއިރު އެއްވެސް މަސައްކަތެއްކޮށްފައިނުވާ ގޯތިތައް ސަރުކާރަށް ނެގޭނެކަމަށެވެ. “މިހާރުވެސް ރަށުގައި ދިރިއުޅޭ މީހުންނަށް ގޯތި ލިބި އެ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނެތް. ގޯތި ލިބި 15 އަހަރުވާ އިރު އެއްވެސް މަސައްކަތެއް ނުކުރެވި ހުރި ގޯތިތައްވެސް ބައިވަރު” ޝުކުރީ ވިދާޅުވިއެވެ.