“އެއް އަހަރަށްވުރެ ގިނަ ދުވަހުގެ އިންތިޒާރަށްފަހު، ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުމާއެކު އަވަސްވެގަތީ ލިސްޓު ބަލާލުމަށެވެ، ގިނަ ދުވަސްތަކަކަށްފަހު އަމިއްލަ ބޯހިޔާވަހި ކަމެއް ލިބިދާނެކަމުގެ އުއްމީދާއެކު ލިސްޓް ބަލާލުމާއެކު ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. ލިސްޓްގެ އެންމެ ފަހަތުގައި 50 ވަރަކަށް ޕޮއިިންޓާއެކު އޮތީ ހަމަ އަހަރެންގެ ނަންތޯ ޔަގީންކޮށްލީމެވެ. މިވީ ކިހިނެތް ހެއްޔެވެ؟ ހިތުގެ އުފެދުނު ސުވާލުތަކާއެކު ދެން ބަލާލެވުނީ ލިސްޓުން އެންމެ މަތިން މާކްސް ލިބުނު މީހުންގެ ނަންތަކަށެވެ. މިފަހަރު ވީ ދެރަ ރުޅިއަށް ބަދަލުވެގެންދިޔައީ އެންމެ ގިނައިން ޕޮއިންޓް ލިބުނު މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭ މީހުން ގިނަވެ ރަށުގައި ދިރިއުޅެން ބޭނުންވާ ރައްޔިތުންނަށް އަނެއްކާވެސް އިތުރު ދެރައެއް ލިބުމުންނެވެ.”
މިއީ އައްޑޫ ސިޓީ ހުޅުދޫގެ ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކުރުމާއެކު ހުޅުދޫ ގިނަ ރައްޔިތުންގެ ހިތުގައި އުފެދުނު އުދާސްތަކާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާއަށް ބަންޑުންކޮށްފައިވާ ވާހަކަތެކެވެ. ގިނަ ދުވަސްތަކުގެ އިންތިޒާރަށްފަހު ލިސްޓް އާންމުކުރިއިރު ގިނައީ އުފަންވީއްސުރެ މާލޭގައި އުޅެމުން ދިޔަ މީހުންނެވެ. މާލެއިން ބިމާއި ފްލެޓް ގަނެ މާލޭގައި ދިރިއުޅުން އާރާސްތުކޮށްގެން ތިބި މީހުންނެވެ. އުފަންވީއްސުރެ ރަށުގައި، ފަސް ހަ މީހުންނާއެކު އެއް ގެއެއްގައި އުޅެމުން ދިޔަ ގިނަ މީހުންނަށް އަނެއްކާވެސް ލިބިގެން ދިޔައީ ބޮޑު މާޔޫސްކަމެކެވެ. “މީހަކާ އިދެ މިހާރު ތިން ކުދިން އެބަތިބި. ފަސް ހަ މީހުން މިއުޅެނީ ކުޑަކުޑަ ގެއެއްގައި. ދިރިއުޅުމަށްޓަކައި އަމިއްލަ ބޯހިޔާވަހިކަމެއް ރަށުގައި ނެތުމުން އުޅޭ ދަތި ހާލުން ސަލާމަތްވުމަށްޓަކައި ގޯޗެއްގެ އިންތިޒާރުގައި ހުރެ އުމުރު މި ހުސްވަނީ. އެކަމަކު ދުވަހަކުވެސް އެބަލާ މިންގަނޑުތަކައް ފެތޭކަމަކަށް ނުވޭ. ކޮންމެވެސް އެއް ސަބަބަކާހުރެ ޕޮއިންޓް މަދުވެ، ބޯހިޔާވަހިކަމުގެ އުފަލުން މިވަނީ މަހުރޫމްވެފަ. އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނޭ ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑުތަކަކީ ކޮބައިކަމެއް؟ ވެދާނެ މާލޭގައި ދިރިއުޅޭ މީހުންނަށް ގިނަ ޕޮއިންޓް ލިބޭ އުސޫލެއް އޮންނަނީ ކަމަށްވެސް”: އޭއޯ ނުއުސް އާއި ވާހަކަދެއްކި މީހަކު ބުންޏެވެ.
ޕޮއިންޓް ލިބުނު ގޮތާއި މެދު ހިތްހަމަނުޖެހިގެން ހުޅުދޫ ގިނަ ބަޔަކު ނުރުހުންފާޅުކުރަމުން އަންނައިރު ފޭސްބުކްގައި މީހަކު ބުނެފައިވަނީ “އަހަރެމެންނަށް އަބަދުވެސް އޮތީ މާލޭގައި ދިރިއުޅޭ މީހުންގެ ފަޅު ގޯތިތައް ސާފުކޮށް މަގުމަތީގައި ހެދިފައިވާ ވިނަ ނޮޅާއި ސާފުކުރުންކަމަށެވެ. މީގެ އިތުރުން ހުޅުދޫގެ ގިނަ ބަޔަކު ވަނީ ޕޮއިންޓްދޭ އުސޫލު ބަދަލުކުރުމަށް ގޮވާލާ ހުޅުދޫ އިން ގޯތިދޭންވާ މީހުން ނިންމުމުގެ ބާރު ހުޅުދޫ ކައުންސިލަރަށް ލިބެންޖެހޭނެކަމަށް ބުނެ ސިޓީ ކައުންސިލަށްވެސްވަނީ ފާޑުކިޔާފައެވެ. “ރަށުގައި ދިރިއުޅޭ ނިކަމެތިމީހާއަށް ގޯއްޗެއް ނުލިބޭ ގޮތަށް ޕޮއިންޓް ދިނުމުގެ އުސޫލު ބަދަލުކޮށް ރަށުގައި ދިރިނޫޅޭ ވަކިބަޔަކަށް ގޯތި ދިނުމަށްޓަކައި ޕޮއިންޓްދޭ އުސޫލު ބަދަލުކޮށްފައިވަނީ. ރަށުގައި ދިރިއުޅޭ ރައްޔިތުމީހާ އިތުރަށް ނިކަމެތިކުރި ކުރުން ހުއްޓުވުމަށްޓަކައި، އަދި މިހާރު ޕޮއިންޓްދޭ އުސޫލު ބަދަލުކޮށް، މިހާރުގެ ލިސްޓް ބާތިލުކުރުމަށް ގޮވާލާއި ހުޅުދޫ އޮފީސް ކައިރީގައި އިހްތިޖާޖްކުރުމަށް ތައްޔާރުވަމުން މިދަނީ” ހުޅުދޫ ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި މިމަހުގެ 13 ވަނަ ދުވަހު ހުޅުދޫ އޮފީސް ކައިރީ އިހްތިޖާޖްކުރުމަށް ނިންމާފައިވާކަން ހާމަކުރަމުން ހުޅުދޫ ރައްޔިތަކު ބުނެފައިވެއެވެ.
ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ފަހު ހުޅުދޫ ރައްޔިތުންނަށް މު ލިބުނު މާޔޫސް ކަމާއެކު މި ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، “ޝަކުވާ ހުށަހަޅާ ފޯމް” ފުރިހަމަކުރުމަށްފަހު، 28 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކުރިން ހުޅުދޫ އަވަށު އޮފީހަށް ހުށަހެޅުމަށް ކައުންސިލުން އެދިފައިވާއިރު ހުޅުދޫ ރައްޔިތުން ބުނީ މިއީ ބޭކާރު މަސައްކަތެއްކަމަށެވެ. ” ގޯތިދޭންވާ މީހުން އެ އޮތީ ނިންމާފަ. ދެން ޝަކުވާ ހުށަހެޅިއަސްވާނެ ކަމެއް އޮތްކަމަކަށް ގަބޫލެއް ނުކުރަން. މިއީ ސީދާ ހުޅުދޫ އިތުރަށް ފަޅުކުރުމަށްޓަކައި ހިންގާފައިވާ ބޮޑު ޖަރީމާއެއް” އޭއޯ ނިއުސް އާއި ވާހަކަދެއްކި މީހަކު ބުންޏެވެ.
މިކަމާއި ގުޅިގެން އައްޑޫ ސިޓީ ހުޅުދޫ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ ގޯއްޗަށް އެދި ފޯމު ހުށަހަޅާ ހިސާބުން ކޮންމެ މީހަކަށްވެސް އެމީހަކަށް ލިބޭ ޕޮއިންޓް އަމިއްލައަށް ބަލާލެވޭނެ ކަމަށެވެ. “ޕޮއިންޓްދެވޭ އުސޫލު ވަރަށް ރަގަޅަށް ބަޔާންކޮށްފައިވާނެ. ކޮންމެ މީހަކަށްވެސް ބަލާލެވޭނެ އެމީހަކަށް ލިބޭ ޕޮއިންޓްގެ އަދަދު. މާލޭގައި ކަންކުރާ އުސޫލުން ފޯމު ލާ ވަގުތު ޕޮއިންޓް ލިބުނުވަރު ބަޔާންކޮށް ސްލިޕެއް ދޭނަމަ މިއަދު މި ގޮތަށް ވާހަކައެއް ނުދައްކާނެ” ޝުކުރީ ވިދާޅުވިއެވެ. އެއްވެސް ރައްޔިތަކަށް އުސޫލާއި ހިލާފަށް ގޯއްޗެއް ދީފައިނުވާކަން ފާހަގަކޮށް ޝުކުރީ ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓްދެނީ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި އެއްވެސް މީހަކަށް ނާޖައިޒު ގޮތުގައި ގޯއްޗެއް ދީފައިނުވާނެކަމަށެވެ. މީގެ އިތުރުން ޝުކުރީ ވިދާޅުވީ އެއްވެސް މީހަކަށް އުސޫލުތަކާއި ހިލާފަށް ގޯއްޗެއް ދީފައިވާނަމަ އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އޮތްކަމަށެވެ. ” މީ ވަގުތީ ލިސްޓު. މި ލިސްޓަށް ޝަކުވާ ހުށަހަޅައިފިނަމަ އެ މައްސަލަ ބަލާނަން.” ކައުންސިލަރ ޝުކުރީ ވިދާޅުވިއެވެ.
2000 އަކަފޫޓުގެ 50 ގޯއްޗެއް އެދި ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލީ 2019 ވަނަ އަހަރުގައެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
ދިވެހިރައްޔިތަކު ކަމުގައިވުން
އުމުރުން 18 އަހަރުވެފައިވުން
ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން
އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން
ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން
ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބެލުމަށް ފަހު އޭގެ ތެރެއިން ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށް ކައުންސިލުން ބުނެއެވެ.
އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
މީގެ އިތުރުން ރަށުގެ ހާލަތާއި ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތަށް ބަލައި، ޕޮއިންޓްދިނުމުގެ އުސޫލަށް ބަދަލު ގެނައުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށް އިއުލާނުގައިވެއެވެ.