ސުޝާންތް ސިންގް ރާޖްޕުތްގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ އަށް ގިނަ ތުހުމަތުތަކެއްކޮށްފައިވާއިރު އަނެއްކާވެސް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މިވަނީ އާކުރިއަށް ފަޅާފައެވެ.
މި މައްސަލައިގައި ރިއާގެ މައްޗަށް ކޮށްފައިވާ ގިނަ ތުހުމަތުތަކަށް ބާރު ލިބޭ ގިނަ ހެކިތަކެއް ފެނިފައިވާއިރު، މިފަހަރު މި ފެޅި އާ ކުރިއާއި އެކު ރިއާގެ ފިލްމީ ހަޔާތް ނިމުނީކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ،
ސުޝާންތުގެ މަރާއި ގުޅިގެން ރިއާގެ ކޮއްކޮ ޝޯވިކް ޗަކްރަބޯޓީ އާއި ސުޝާންތުގެ ގޭގެ މެނޭޖަރު ސެމުއެލް މިރާންޑާ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ހައްޔަރު ކޮށްފައިވާއިރު އެމީހުން ހައްޔަރުކޮށްފައިވަނީ ދާދި ފަހުން ރިއާގެ ހުރިހާ ޗެޓްލޮގު ތަކެއް ހޯދުމުގެ މަސަތްކަތުގެ ތެރެއިން އޭނާގެ ވަޓްސްއެޕް ޗެޓްލޮގަކުން ހާމަވެގެންދިޔަ ބޮޑު ސިއްރުތަކާއި ގުޅިގެންނެވެ.
އިންޑިއާގެ އެންފޯސްމެންޓް ޑިކްޓޮރޭޓްއިން ސީބީއައި އާއި ނާކޮޓިކްސް ޑިޕާޓްމެންޓާއި ހަވާލު ކޮށްފައިވާ ޗެޓްލޮގު ތަކުން، ރިއާ މަސްތުވާތަކެތި ގަނެވިއްކުމުގައި ޝާމިލްވެފައިވާކަމާއި ރިއާ ސުޝާންތުއަށް ނޭގި އޭނާއަށް މަސްތުވާތަކެތި ދިން ކަންވަނީ ހާމަވެފައެވެ. މި ތަހުގީގުގައި ޑްރަގް ޑީލަރަކު، ރިއާގެ ކޮއްކޮ ޝޯވިކް އާއި އެކު ޑްރަގުގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް އެއްބަސްވެފައިވާއިރު، މި މައްސަލައިގައި ޝޯވިކް އާއި ފުލުހުން ސުވާލު ކުރުމުން އޭނާ ވަނީ ދައްތަ ރިއާގެ އެދުމުގެ މަތިން ޑްރަގުގެ މުއާމަލާތްތަކެއް ކުރިކަމަށް އެއްބަސް ވެފައެވެ.
ޝޯވެކްގެ އިތުރުން ސުޝާންތުގެ ގޭގެ މެނޭޖަރު ސެމުއެލް ވެސް ރިއާގެ އެދުމުގެ މަތިން ޑްރަގުގެ މުއާމަލާތްތަކެއް ކުރިކަމަށް އެއްބަސްވެފައިވާއިރު، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިންވަނީ މި މައްސަލައިގައި ރިއާ އާއިވެސް ސުވާލުކޮށްފައެވެ. އެތައް ގަޑިއިރެއް ވަންދެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ރިއާ އާއި ސުވާލުކޮށްފައިވާއިރު އޭނާވަނީ އެންމެ ފަހުން މަސްތުވާތަކެތި ގެންގުޅުނު ކަމަށް އެއްބަސް ވެފައެވެ.
އަމިއްލައަށް މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާނެކަން ހާމަކުރަމުން ރިއާބުނީ ސުޝާންތާ ހަމައަށް މަސްތުވާތަކެތި ގެނެސްދެމުން ދިޔަ މީހުންނަކީ އެގޭގެ މެނޭޖަރު ސެމިއުލް މިރަންޑާ އާއި މަސައްކަތު މީހާ ދިޕޭޝް ސާވަންތުކަމަށެވެ.ތަހުޤީގަށް ރިއާ ދީފައިވާ ބަޔާނާއި ގުޅިގެން އަދި މިހާތަނަށް އޭނާ ހައްޔަރުކޮށްފައިނުވާއިރު އޭނާ ވަކީލު ބުނީ ރިއާ މަސްތުވާތަކެތި ބޭނުންކޮށްފައިނުވާނެކަމަށާއި އޭނާގެ ޓެސްޓްތައް ހަދަންވެސް ތައްޔާރަށް ހުރިކަމަށެވެ.
ސުޝާންތުގެ މަރާއެކު ބޮލީވުޑްގެ އަދިރި ފަރާތް ހާމަވަމުން އަންނައިރު ބޮލީވުޑްގައި ގެންގުޅޭ ތަފާތުކުރުންތަކާއި، ތަރިންގެ މެދުގައި އުފެދިފައިވާ މައްސަލަތައްވެސް މި ދުވަސްވަރު ގިނަ ތަރިން އަންނަނީ މީޑިއާއަށް ބަންޑުންކޮށްލަމުންނެވެ.