ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރަށް ދެމަސްވާން ކައިރިވެފައިވާއިރު އަދިވެސް މީޑިއާތަކުގެ ފަލަ ސުރުހީގައިވަނީ އޭނާގެ ވާހަކަތަކެވެ. ސުޝާންތުގެ ދިރިއުޅުމާއި، އޭނާގެ އާއިލާ އާއި ރަހްމަތްތެރިންގެ ވާހަކަ އިން ފެށިގެން ގޮސް އޭނާގެ އެންމެ ފަހު ވަގުތުކޮޅުގެ ވާހަކައަކީ އަދިވެސް އޭނާގެ ސަޕޯޓަރުންނަށް މުހިއްމު ވާހަކަތެކެކެވެ. މި ފަހަރު މީޑިއާއަށް ތިލަވެފައިވަނީ އަބަދުވެސް އޭނާ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއްގެ ވާހަކައެވެ،
މީގެ ކުޑަދުވަސްކޮޅެއް ކުރިން ސުޝާންތުގެ ދައްތަ ޝުވެތާ ސިންގް ކިރްތީ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، 1000 ގަސް އިންދުމަކީ ސުޝާންތު ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. މި ޕޯސްޓާއެކު ގިނަ ބަޔަކު އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މި ފަހަރުވެސް މި މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހުރީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭއެވެ، ސުޝާންގެ ދައްތަ އޭނާއަށް ތާއިދުކުރާ ފަރާތްތަކުގެ ކިބައިން ސުޝާންތުގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އެދިފައިވާއިރު އަންކިތާވަނީ ވަގުތުން އެ މަސައްކަތް ފަށާފައެވެ.
މި ގޮތުން އަންކީތާ އާއި އޭނާގެ މަންމަ ގަސް ގަނެގެން، ގަސް ހެއްދުމުގެ މަސައްކަތް ފަށާފައިވާއިރު އަންކީތާ ބުނީ މިއީ ސުޝާންތުގެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށްޓަކައި އޭނާ ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. މީގެ އިތުރުން އަންކީތާވަނީ ސުޝާންތުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް އޭނާ ފަށާފައިވާކަން ހާމަކޮށް މިކަމުގައި ސަޕޯޓަރުންގެ އެހީތެރިކަން ދިނުމަށްވެސް އެދިފައެވެ.