English Edition
Dhivehi Edition

ސިޔާސީ ބޭނުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅޭ ގޮތުން ފިތުނަވެރި ވާހަކަތައް ފެތުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން މި ސަރުކާރުން އެންމެ ގާތް ގުޅުމެއް އޮންނަ އިންޑިއާއާ ދެކޮޅު ފަށާފައިވާ ކެމްޕެއިނާއި ގުޅިގެން، ގިނަ ބަޔަކު އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

މި ކެމްޕެއިނާއި ގުޅިގެން ރޭ އަސްލަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސިޔާސީ ބޭނުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅޭ ގޮތުން ފިތުނަވެރި ވާހަކަތައް ފަތުރައި، އެ ގައުމުތަކާއި ރާއްޖެއާ ޒަމާނުއްސުރެން އޮންނަ ގުޅުން ފަސާދަ ކުރުމަކީ ގައުމީ މަސްލަހަތަށް ގެއްލުން ހުރި ނުރައްކާތެރި ކަމެއް ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ސޯޝަލް މީޑިއާގައިވެސް ވަރުގަދަ ކެމްޕެއިނެއް ފަށާފައިވާއިރު ދާދި ފަހުން ސަރުކާރުން ވަނީ، ހދ.ހަނިމާދޫ ގައި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް އޮޕަރޭޓު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަތިންދާ ބޯޓާއި އެކު އިންޑިއާ ސިފައިން ރާއްޖެ އައުމަށް ހަމަޖައްސާފައެވެ. އަދި އެމީހުން ދިރިއުޅުމަށްޓަކައި ހދ.ހަނިމާދޫ އިން 30 ގެ ކުއްޔަށް ހިފުމުގެ މަސައްކަތް އިންޑިއާ ސިފައިން ދަނީ ކުރަމުންނެވެ.

މިވަގުތުވެސް އައްޑޫ ސިޓީ އާއި ލާމު އަތޮޅުގައި އަދި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ހަރަކާތްތެރިވެއެވެ.