English Edition
Dhivehi Edition
އަސްލަމް އާއި ނަޝިދު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމް ވަޑައިގަތީ ގަވާއިދާ ހިލާފަށް ކަމަށް ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަސްލަމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލީ އާޒިމް ވަނީ ޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް ވަޑައިގަތީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ވާހަކަ ކޮންމެ ދުވަހަކު ދައްކާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ސާފުކޮށް އެކަން ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ އެ ހުކުމާ ހިލާފަށް ކަންކުރުމަކީ ހުދުމުހުތާރުކޮށް ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއްކަމުގައި ދެންނެވޭނެ ކަމަށެވެ.

މީގެ އިތުރުން އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގައި މަޖިލީހުގެ ރައީސް، ނައިބުރައީސް ޖަލްސާ ބަލަހައްޓަވަމުން ގެންދަވާ ތަރުތީބު ހާމަކޮށްފައި އޮންނަ ކަމަށެވެ. އަސްލަމް ރިޔާސަތުގައި އިންނެވީ މެންބަރުންނާއި އޮފިޝަލުންނަށް ބިރު ދައްކައިގެން ކަމަށް ތުހުމަތުކުރައްވާ އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބޭނުން ގޮތަކަށް މާނަކޮށް ކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސަށް ވެސް އަދި މެންބަރަކަށް ވެސް ލިބިފައި ނުވާކަމަށެވެ.

އަލީ އާޒިމްގެ މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އަސްލަމް ވަނީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ނުސީދާ ބަހުން ފާޑުވިދާޅުވެފައެވެ. މި ގޮތުން އަސްލަމް ވިދާޅުވީ ރިޔާސަތާ ގުޅޭގޮތުން ކަންކަން ހިނގި ގޮތް ސިއްރު ނޫން ކަމަށާއި ގަދަ ބާރުން މަޖިލީހުގައި ރިޔާސަތުގައި އިންނަވަން މަސައްކަތް ކުރެއްވީ ކޮން ބޭފުޅެއް, ކިހިނެއްކަން ވަންހަނާނުވާނެ ކަމަށެވެ. އަދި އެ ވާހަކަ އިތުރަށް ދައްކަން ބޭނުންފުޅު ނުވާކަމަށް އަސްލަމް ވިދާޅުވިއެވެ.