ރައްޔިތުންގެ މަޖިލީހުގެ ބާކީ މިއޮތް ދުވަސްތަކުގައި ގާބިލިއްޔަތާއި، ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން، ރޭ މަޖިލީހުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އިންތިހާބުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން އަސްލަމް ވިދާޅުވީ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ރައްޔިތުންގެ މަސްލަހަތާއި މެމްބަރުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ. އަދި މިކަމުގައި މެމްބަރުންނާއި ޕާޓީގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ގާނޫނު އަސާސީ ގާނޫނުތަކާއި މަޖިލިހުގެ ގަވައިދުގައި ބަޔާން ކުރާ އުސޫލުތަކުގެ ތެރެއިން މަޖިލިސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ.