English Edition
Dhivehi Edition

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރާލިކަމުގެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ހިންގި ތަހުގީގުން ފެންނަން ނެތް ކަމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނެފި އެވެ.

ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގުކުރާ ސީބީއައިގެ އޮފިޝަލުންތަކަކާ ހަވާލާދީ، “އިންޑިއާ ޓުޑޭ” އިން ބުނީ މިހާތަނަށް ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު، ބަޔަކު ސުޝާންތު މަރާލިކަމުގެ އެއްވެސް ހެއްކެއް، ގަރީނާއެއް ފެންނަން ނެތް ކަމަށެވެ.

ސީބީއައި އިން މައްސަލަ ތަހުގީގުކުރަން ފެށުމާ އެކު، މުމްބާއީގެ ކޫޕާ ހޮސްޕިޓަލްގައި ހެދި ސުޝާންތުގެ ޕޯސްޓް މޯޓަމް ރިޕޯޓު ވެސް އަލުން ދިރާސާކޮށްފައިވާއިރު ސީބީއައިގެ ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި އޮތީ ވެސް ބަޔަކު ސުޝާންތު މަރައިލި ކަމަށް ބަލައިގެންނެވެ. އެހެންނަމަވެސް އެ މައްސަލައިގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ސުޝާންތު މަރާލިކަމުގެ އެއްވެސް ހިލަމެއް، ތަހުގީގުގެ އެއްވެސް ދިމާއަކުން އަދި ފެންނަން ނެތްކަމަށް ސީބީއައި އިން ވަނީ ބުނެފައެވެ.

މުމްބާއީގެ ކޫޕާ ހޮސްޕިޓަލްގައި ހެދި ސުޝާންތުގެ ޕޯސްޓް މޯޓަމް ރިޕޯޓުގައިވާ ގޮތުން އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ކަހަލަ ނިޝާނެއް އަލާމާތެއް ވެސް ފެންނަން ނެތްކަން ފާހަގަކޮށްފައިވާއިރު އެ މަރާ، އިތުރު ބަޔަކާ ގުޅުވޭނެ އެއްވެސް ހެއްކެތް ނެތް ކަމަށްވެސް ޕޯސްޓްމޯޓަމް ރިޕޯޓުގައި ވެ އެވެ.ނަމަވެސް ބައެއް މީހުން ވަނީ ސުޝާންތުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހަދާފައި ވަނީ ވަރަށް އަވަސް އަރުވާލައިގެންކަމަށާއި ރިޕޯޓްގައި އޮޅުވާލުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައެވެ.