English Edition
Dhivehi Edition

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާން އޭނާގެ ހަޔާތުގެ މައްޗަށް އޮޓޯބަޔޮގްރަފީއެއް ލިޔަމުންދާ ކަމަށާއި ބައޮގްރަފީ އަންނަ އަހަރު ނެރެން ނިންމާފައިވާކަމަށް ސައިފް ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ސައިފް ދިން އިންޓަވިއުއެއްގައި ބުނީ އެ ފޮތުގައި އޭނާގެ ފިލްމީ އިންޑަސްޓްރީ ފެށުނު ގޮތާއި އޭނާގެ އާއިލާ އާއި އޭނާއަށް ލިބުނު ކާމިޔާބީތަކާއި ނާކާމިޔާބީތައްވެސް ހިމަނާފައިވާނެކަމަށެވެ.

އެކްޓަރު ސައިފްގެ ބައޮގްރަފީގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝްވެސް ވަނީ ޓުވިޓެއްކޮށްފައެވެ. އޭނާގެ ޓުވިޓްގައި ބުނީ ހާޕާ ކޮލިންސް އިންޑިއާގެ ތައްގަނޑުގެ ނެރޭ ސައިފްގެ ބައޮގްރަފީގައި އޭނާގެ ހަޔާތާ ބެހޭ ގިނަ ވާހަކަތަކެއް ހިމެނޭނެ ކަމަށެވެ.

އިންޑިއާގެ ބޯޕާލްގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ސައިފްއަކީ 1960 އާއި 1970 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ވިދާލި މަޝްހޫރު ބަތަލާ ޝަރުމީލާ އާއި ރީގެ މަޝްހޫރު ކްރިކެޓް ތަރި މަންސޫރު އަލީ ޚާން ލިބުނު ތިން ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ކުއްޖާއެވެ.

1993 ވަނަ އަހަރު ޔަޝްރާޖްގެ ޕަރަމްޕަރާއިން ފިލްމީ ދާއިރާއަށް ތައާރަފްވި ސައިފް އެންމެ ފުރަތަމަ ކައިވެނިކުރީ ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގްއާއެވެ. އެކައިވެންޏަށް ސާރާ، 25، އާއި އިބްރާހީމް، 19،ލިބިފައިވާއިރު އެ ދެތަރިން ވަރިވީ 2004 ވަނަ އަހަރުއެވެ. ސައިފް 2012 އަހަރު ކަރީނާ ކަޕޫރް އާއި ކައިވެނިކޮށްފައިވާއިރު އެ ކައިވެންޏަށް ލިބުނު ދަރިފުޅު ތައިމޫރް އަލީ ޚާނަށް މި އަހަރު ހަތަރު އަހަރު ފުރޭނެއެވެ. މިހާރު ކަރީނާ އިނީ ދެވަނަ ދަރިއަކަށް ބަލިވެ އެވެ.