ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވިފައި ނުވާ ކަމަށާއި މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުއްވަން ޖެހޭ ފިޔަވަޅު މެންބަރުންނަށް ވަރަށް ސާފުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މުއްދަތު ހަމަވިއިރުވެސް ހަދާފައި ނުވާތީ މަޖިލީހުގެ ގަވައިދު ކޮމިޓީއިން މީގެ ކުރިން ވަނީ ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ ރިޕޯޓެއް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ނަމަވެސް އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލީ ގަވައިދުތައް ހަދާނެ ކަމަށް ވިދާޅުވެ މަޖިލީހަށް، ޒަހާ ފޮނުއްވި ސިޓީ އާއި ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު އަލުން އެ މައްސަލަ ފާހަގަކުރައްވާ ވިދާޅުވީ މިއަދާ ހަމައަށް ވެސް ގަވާއިދު ގެޒެޓް ކޮށްފައިނެތްކަމަށެވެ. އެހެންކަމުން މިނިސްޓަރު ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރެވިފައި ނުވާ ކަން ފާހަގަކޮށް، ދެން އަޅަން ޖެހޭ ފިޔަވަޅު މަޖިލީހުގެ މެންބަރުންނަށް ސާފުވާނެ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޒަހާގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުން އަޅަން ޖެހޭ ފިޔަވަޅު މެންބަރުންނަށް ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ފިޝަރީޒް މިނިސްޓްރީ އިން ނިންމާފައި ނުވާ މައްސަލަ ބެލުމަށް ފަހު ގަވައިދު ކޮމިޓީއިން ނިންމާފައި ވަނީ ޒަހާ ޒިންމާ އަދާކޮށްފައި ނުވާކަމަށެވެ.
ޒަހާއަކީ ސަރުކާރު ކޯލިޝަންގައި ހިމެެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅެކެވެ.