English Edition
Dhivehi Edition

ޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ހުށަހަޅާފައިވާތީ މައްސަލާގައި ޖަވާބު ދާރީވުމަށް ޒަހާ އަށް ނޯޓިސް ފޮނުވައިފި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މައްސަލައިގެ ނޯޓިސް މިއަދު ޒަހާއަށް ފޮނުވާފައިވާ ކަމަށެވެ.

އިދިކޮޅަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ޒަހާއަށް ދެކޮޅަށް ހުށަހެޅި މައްސަލައިގައި ޖުމްލަ 10 މެމްބަރުން ސޮއިކުރައްވާފައިވާއިރު އޭގެ ތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވެސް ހިމެނިލައްވަ އެވެ.

މަޖިލީހަށް ހުށަހެޅި މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ޖެހުނީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ އެތައް ވައުދެއް ފުއްދުމުގައި މިނިސްޓަރަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭތީ އެވެ. އެގޮތުން އެ މައްސަލައިގައި ބުނެފައި ވަނީ މަހަށް ހަމަ އަގު ހޯދައިދިނުމާއި މަސްވެރިންނަށް އައިސްލިބޭނެ ގޮތާއި މަސްވެރިންގެ ޖީބަށް ޑޮލަރު ލިބޭނެ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެމުން ނުދާ ކަމަށެވެ.

އެހެން ކަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާނުކުރެވޭތީ އެކަމަަނާ މަގާމުގައި ހުންނެވުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށްވެސް އިތުރު ނިކަމެތި ކަމެއް ލިބޭނެ ކަމެއް ކަމަށްވާތީ ޒަހާގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ ކަމަށެވެ.

ޒަހާއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ “އެމްއާރުއެމް” ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ އެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

ޒަހާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް މިނިސްޓަރަކީވެސް ޒަހާ އެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމާމެދު އެމްޑީޕީގެ ބައެއް މެންބަަރުން ތަކުރާރުކޮށް ސުވާލު އުފައްދާފައިވެއެވެ. އަދި ޒަހާގެ އިސްތިއުފާއަށްވެސް އެމްޑީޕީގެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ.