English Edition
Dhivehi Edition
މަސްވެރިންތަކެއް މަސް ބާނަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

ލޮނުފެނުން މަސްފިނިކުރާ ނިޒާމުން ޑިއުޓީ މަޢާފުކޮށްދިނުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ލޮނުފެނުގައި މަސްފިނިކުރާ ނިޒާމު (ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމް/އާރު.އެސް.ޑަބްލިޔު ސިސްޓަމް) ޤާޢިމްކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރާ އާރު.އެސް.ޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މަޢާފުކުރުމަށް އެދެމުންދާ ކަމަށެވެ.

އެގޮތުން އާރް.އެސް.ޑަބްލިއު ސިސްޓަމަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދިނުމަށާއި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ގިނަ ވަގުތައް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ނިޒާމަކަށްވާތީވެ، މަސްވެރި އުޅަނދުފަހަރުގައި ޤާއިމުކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރާ މިފަދަ ސިސްޓަމް ތަކަށް ޑިއުޓީ މަޢާފުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އާރް.އެސް.ޑަބްލިއު ސިސްޓަމްގެ ޑިއުޓީ މަޢާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ހަމަޖެހިފައިވާ އުޞޫލުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓަށް ޑިއުޓީ މަޢާފު ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރައްވާ އިންވޮއިސްގެ ކޮޕީއަކާއެކު އެމިނިސްޓްރީއަށް ހުށަހެޅުއްވުމުން އާރު.އެސް.ޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މަޢާފް ކުރެވޭނޭ ކަމުގައިވެސް އެ މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.