English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު - ފޮޓޯ: މަޖިލިސް

ރާއްޖޭގައި އެކުއަރކަލްޗަރ ކުރުމަށް ޚާއްސަ ބާވަތްތައް ފިޝަރީޒް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި އެކުއަކަލްޗަރކުރުމަށް ޚާއްސަ ބާވަތްތަކެއް ކަނޑައަޅައި އާންމުކުރުމަކީ އެ މިނިސްޓްރީގެ މަސްޢޫލިއްޔަތެއް ކަމަށެވެ.

އެގޮތުން، ދުނިޔޭގެ އެކި ޤައުމުތަކުގައި ލޮނުފެނުގައި އެކުއަކަލްޗަރކުރާ ބާވަތްތަކާއި ޓެކްނޮލޮޖީއަށް ބަލައި، ވިޔަފާރީގެ ބޭނުމަށް ދިވެހިރާއްޖޭގައި އާލާކުރެވޭނެ ކަމަށް ފާހަގަކުރެވިފައިވާ ބާވަތްތަކުގެ ލިސްޓެއް އެ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ލިސްޓުގައިވާ ބާވަތްތައް ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވާނީ އާލާކުރުމުގެ ޓެކްނިކަލް އަދި އިކޮނޮމިކް ފީސިބިލިޓީ އަދި މިބާވަތްތައް އާލާކޮށްގެން ދިވެހިރާއްޖޭގެ ތިމާވެށްޓަށް ކޮށްފާނެ އަސަރުތަކަށް ކަމަށެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ބުނީ އެ ލިސްޓުގައި ފާހަގަކޮށްފައިވާ ބާވަތްތަކުގެ އިތުރުން ދިވެހިރާއްޖޭގެ މާހައުލުގައި ޤުދުރަތީ ގޮތުން އުޅޭ ނުވަތަ ހެދިބޮޑުވާ އެހެން ބާވަތެއް އެކުއަކަލްޗަރކުރުމަށް ބޭނުންވާ ފަރާތްތަކުން އެބާވަތެއް އެކުއަކަލްޗަރކުރުމަށް ހުށަހެޅިދާނެ ކަމަށެވެ.

އެގޮތުން، ހުށަހަޅާ ބާވަތްތައް އެކުއަކަލްޗަރކުރުމުގެ ހުއްދަ ދޫކުރާނީ، އެ މިނިސްޓްރީގެ ފިޝަރީޒް ޓެކްނިކަލް ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު އެކޮމިޓީއިން ނިންމާ ގޮތެއްގެ މަތިން ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.