ރާއްޖޭގެ ހާލަތު ރަނގަޅު ކުރެވޭނީ ދެން ރައީސް ޔާމީނާއި ވެރިކަން ހަވާލު ކޮށްގެން ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި މާފުށީ ކައިރިން ކަނޑުމަތީގައި ދޯންޏަކާއި ލޯންޗެއްގައި ފެށި ހަރަކާތުގެ ތެރެއިން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މީޑިއާއާ ބައްދަލު ކުރައްވައި ވާހަކަމުން ވިދާޅުވީ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އިގްތިސާދު އަލުން ރަނގަޅު ކުރެވޭނެ ގާބިލް ކަން ހުންނެވި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށެވެ.
މި ގޮތުން ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކޮވިޑް-19 ގެ ބައްޔަށް ވުރެ މި ސަރުކާރުގެ އަމަލުތަކުގެ ނުރައްކާ ރައްޔިތުންނަށް ބޮޑުވެފައިވާކަމަށާއި ކޮވިޑަށް ބޭނުންވާ ފަރުވާގެ ވަސީލަތްތަކުން ސަރުކާރުން ހިޔާނާތްތެރިވެފައިވާ ކަމަށެވެ.އެޗްޕީއޭއިން މިހާރު ނަގަމުންދާ ފިޔަވަޅުތަކަކީ ސިއްހީ ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތައް ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ ޝިޔާމްވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާފައެވެ.
ޝިޔާމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތް ގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށގެން ވެސް އޭނާ ގޮވާލައްވަމުން ގެންދެވި ކަމަކީ ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރުންނާއެކު މަޝްވަރާ ކޮށްގެން ގައުމީ ހައްލެއް ހޯދުމަށްކަމަށެވެ. އިތުރަށް ސައީދު ވިދާޅުވީ ރައީސް ޔާމީން ވެސް މިނިވަންކޮށް، ރައީސް ޔަމީން ވެސް ހިމެނޭ ގޮތަށް ކުރީގެ ރައީސުންނާއި ދައުލަތުގެ ތަޖުރިބާކާރުންނާއެކު އެއް މޭޒެއްގައި ތިބެގެން މަޝްވަރާ ކުރައްވައިގެން ގައުމީ ހައްލެއް މި ކަމުގައި ނެރެދިނުމަށް ގޮވާލިއިރު އެ ކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ރައީސް ޔާމީން މިނިވަން ކުރަން ނުކުތީކަމަށެވެ.