English Edition
Dhivehi Edition

އައްޑޫ ސިޓީގައި, ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން 25 މިލިޔަން ރުފިޔާގެ މަޝްރޫޢު ހިންގާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ހޯމަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަޙްމަދު މަހްލޫފް ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށްގެންދަން ނިންމާފައިވާ ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކަށް ކޯވިޑް-19އާ ގުޅިގެން ލަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

މިހާތަނަށް އައްޑޫގައި ހިންގާ މަޝްރޫއުތަކަށް އަލި އަޅުވާލަމުން މަހްލޫފް ވިދާޅުވީ ފޭދޫ މައި ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ހުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި ބައެއް ރަށްރަށުގައި ފަތާ ޓްރެކް ހެދުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އައްޑޫގައި ހިންގަން ނިންމާ ބަޖެޓްގައިވެސް ހިމަނާފައިވާ ބައެއް މަޝްރޫޢުތައް މަޑުޖެހިފައިވާކަމަށާއި އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް މިހާރު ކުރިއަށްދާތީ އެފަދަ މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވަން ނިންމާފައިވާ ކަމަށެވެ.

އިތުރަށް މިނިސްޓަރ މަހްލޫފު ވިދާޅުވީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ހިންގަން ފަށްޓަވާނެކަމަށެވެ.