ދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވަމަކީ ސިޔާސީ ކަމެއް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް، ބަޔަކު ނިކުމެ ހުއްޓުވުމާއި ގުޅިގެން މަހްލޫފް ވިދާޅުވީ މިއީ ވަރަށް ދެރަކަމެއްކަމަށެވެ. މިކަމާއި ގުޅިގެން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި މަހްލޫފް ވަނީ މިކަމަކީ އިންޓަނޭޝަނަލީ ބޮޑު ކޮންސިކުއެންސްތަކާ ކުރިމަތިވެދާނެ ފަދަ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ޔޯގާއަކީ އަޅުކަމެއް ނޫންކަމަށާއި އެއީ ކަސްރަތެއްކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ ޔޯގާ ދުވަހަކީ 2014 އިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޔޯގާ ދުވަސް ހާމަކަން ބޮޑު ގޮތެއްގައި ފާހަގަކޮށްފައިވާކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. އޭރު ހަރާމް ނުވި ކަމެއް މިހާރު ހަރާމް ވާކަށް ނުޖެހޭ ކަން ފާހަގަކޮށް މަހްލޫފް ވިދާޅުވީ ދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވަމަކީ ސިޔާސީ ކަމެއްކަމަށެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ ޖަމިއްޔަތުއް ސަލަފަކީ ވެސް މިހާރު ރަނގަޅު ނިޔަތެއްގައި އުޅޭ ބައެއް ނޫންކަން މިއަދު އެމީހުން ޔަގީން ކޮށްދީފިކަމަށެވެ. އަދި މިއަދުގެ ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ އިސް ސަފުގައި އުޅޭ މީހުން ތިބިކަންވެސް މަހްލޫފްވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ހިނގާދިޔަ ހަމަނުޖެހެމަކީ ބޭރު ގައުމުގެ އިސްވެރިންގެ ކުރިމަތީގައި ހިނގި ލަދުވެތި ކަމެއްގެ ގޮތުގައި މަހްލޫފްވަނީ ސިފަކުރައްވާފައެވެ.