ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަޙްމަދު ޝަރީފް (ޑުންގާ) އާ ހަވާލުކޮށްފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ކޮވިޑާ19 އާއި ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިމާވެފައިވާ މާލީ ދަތިކަމާ އެކު މުސާރަ ކުޑަ ކުރުމަށް އެއްބަސް ނުވުމުން އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އިންގްލެންޑްގެ ޖުޑާން އަލީ އެމަގާމުން ވަކިކޮށްފައިވައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުޑާންއަށް މަހު މުސާރައިގެ ގޮތުގައި ސްޕޮންސަރެއް މެދުވެރިކޮށް ލިބޭ ފައިސާއިން މަހަކު 9،000 ޑޮލަރު ދިނުމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ޖުޑާންއާއެކު އެފްއޭއެމުން މަޝްވަރާ ކޮށްފައިވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށްވާ 4،500 ޑޮލަރު ދިނުމަށެވެ.
ޖާވާ ވިދާޅުވީ މހާރު އެ މަގާމާއި ހަވާލުވެ ހުންނާނީ އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުން 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަހުމަދު ޝަރީފް (ޑުންގާ) ކަމަށެވެ. މީގެ އިތުރުން ޖާވާ ވިދާޅުވީ އެ މަގާމަށް އިތުރު މީހަކު ގެންނަން އަދި ނުނިންމާ ކަމަށާއި، މަގާމަށް ދެން ގެންނާނީ ދިވެއްސެއްތޯ ނުވަތަ ބިދޭސީއެއްތޯ ނިންމާނީ އެފްއޭއެމްގެ ޓެކްނިކަލް ޓީމުގެ މަޝްވަރާއަށްފަހު ކަމަށެވެ.
ޑުންގާ އަކީ އޭއެފްސީ ކޯޗިން “އޭ” ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އަދި އޭއެފްސީ “ބީ” އިންސްޓްރަކްޓާ ލައިސަންސް ނަގާފައިވާ ތަޖުރިބާކާރު ކޯޗެކެވެ. ޑުންގާއަކީ ޖަމާއަތުގެ ގުޅުމުގެ ފޭދޫ ގޮފީގެ ޓީމަށް 1985 ވަނަ އަހަރު ޒޯން މުބާރާތުގައި ކުޅެން ފެށި ކުޅުންތެރިއެކެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ފޭދޫ ސްޕޯޓްސް ކްލަބަށް ޒޯން މުބާރާތުގައި ކުޅެފައިވާއިރު، ޖެހިގެން އައި ދެ އަހަރު ފުރަތަމަ ޑިވިޝަނުގައި ޑުންގާ ޝަރީފް ވަނީ ކުޅެފައެވެ.
މީގެ އިތުރުން ޑުންގާ ޝަރީފް ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުންވެސް ޖާގަ ހޯދާފައެވެ. މިހާރު އައްޑޫ ސިޓީގައި ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ޑުންގާ ޝަރީފް ވަނީ އައްޑޫގައި “ޑުންގާ ފުޓްބޯލް އެކެޑަމީ” ގެ ނަމުގައި އެކެޑަމީއެއް ފަށާފައެވެ.