އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާއި ގުޅިގެން ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓް އަށް ގިނަ ބަޔަކު މަރުގެ އިންޒާރުދެމުން އަންނަކަމަށް އޭނާ ބުނެފިއެވެ.
ސުޝާންތުގެ މަރާއި ގުޅިގެން ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ އެއް އާއިލާ އަށް ނިސްބަތްވާ މަހޭޝް ބަޓްއަށް ގިނަ ބައެއްގެ ނުފްރަތު އަމާޒުވެފައިވާއިރު ފޫޖާބަޓްއަށް މެދުކެނޑުމެއްނެތި ލިބެމުން އަންނަ އިންޒާރާއި، ނަފްރަތުގެ ކޮމެންޓުތަކާއި މެސެޖުތަކުގެ ސަބަބުން އޭނާގެ އިންސްޓަގްރާމް އެކައުންޓު ޕްރައިވެޓް ކުރަންވެސް މިހާރުވަނީ ނިންމާފައެވެ.
އިންސްޓަގްރާމް އެކައުންޓު ޕްރައިވެޓް ކުރުމުގެ ކުރިން، ސްޓީވް މަރަބޮލީގެ ބަސްކޮޅެއް ހިމެނޭ ފޮޓޯއެއް ލަމުން އޭގެ ކެޕްޝަންގައި އޭނާ ވަނީ އެކައުންޓު ޕްރައިވެޓް ކުރަން ނިންމީ ކީއްވެގެން ކަން ސާފުކޮށްދީފައެވެ. މި ގޮތުން ޕޫޖާގެ ޕޯސްޓުގައި ބުނީ، އިންސްޓަގްރާމަކީ އެއްބަޔަކު ވަގަށް ފިލާތިބެ އެހެން މީހުންނަށް ނަފްރަތުގެ މެސެޖުކޮށް، ސައިބާ ބުލީ ކުރާ ޕްލެޓްފޯމަކަށް ވެފައިވާ ކަމަށެވެ. މީގެކުރިން ލިބޭ މިފަދަ މެސެޖްތަކާއި މެދު އަޅާނުލާކަން ހާމަކުރަމުން ޕޫޖާ ބުނީ އޭނާއަކީ އަބަދުވެސް ފާޑުކިޔުން ބަލައިގަންނަ މީހެއްކަމަށެވެ. “އެހެންނަމަވެސް މީހެއްގެ އާއިލާއާއި އެމީހަކަށް ނިސްބަތްކޮށް މަރުވުމަށް އެދި ކުރާ މެސެޖުތަކަކީ ފާޑުކިޔުންބާ؟ ނޫނީ ސީދާ ސައިބާ ބުލީ ކުރުންބާ؟” ޕޫޖާގެ ޕޯސްޓްގައި ސުވާލުކޮށްފައިވެއެވެ.
މީގެ އިތުރުން އޭނާ ބުނީ އިންސްޓަގްރާމް އެކައުންޓުގެ ކޮމެންޓު ބައި ބަންދުކޮށްފައިވާ ބޭއްވުމަށް އޭނާގެ ގާތް މީހުން ލަފާދީފައިވާ ކަމަށާއި ނަމަވެސް އެކަން ކުރަން ބޭނުންނުވީ، ފޭނުންގެ ލޯބިން މަހުރޫމު ވެދާނެތީ ކަމަށެވެ. އެކައުންޓު ޕްރައިވެޓް ކުރާކަން އިއުލާންކުރަމުން ޕޫޖާ ބުނީ އޭނާ އުޅޭ ނޫޅޭ ގޮތް ބަލަން ބޭނުމިއްޔާ ރިކުއެސްޓު ފޮނުވުމަށް އެދޭކަމަށާއި ވާހަކަދައްކަން ބޭނުމިއްޔާ ހަޑިހުތުރު ބަސްތައް ބޭނުންކުރުން ހުއްޓާލަންޖެހޭކަމަށެވެ.