English Edition
Dhivehi Edition

މިދިޔަ މަހު 14 ވަނަ ދުވަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރާ ގުޅިގެން ބަތަލާ އާލިއާ ބަޓްގެ ބައްޕަ، އަދި މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

މިއަދު ސުޝާންތުގެ މަރުގެ މައްސަލައިގައި މަހޭޝް ބަޓް ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވާއިރު މި މައްސަލައިގައި ކަރަން ޖޯހަރުގެ މެނޭޖަރުވެސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ސުޝާންތުގެ މަރާއި ގުޅިގެން އޭނާގެ އާއިލާއާއި ގާތް މީހުންގެ އިތުރުން ފިލްމީ ދާއިރާގެ ބައެއް މީހުންނާއިވެސް ފުލުހުން ސުވާލުކުރަމުން އަންނައިރު މަހަރަޝްތްރާގެ ހޯމް މިނިސްޓަރު އަނިލް ދޭޝްމުކް ވިދާޅުވީ ތަހުގީގު ކުރިއަށް ގެންދިޔުމަށް ކަރަން ޖޯހަރު ގެންނަން ޖެހިއްޖެ ހާލަތެއްގައި އޭނާ ވެސް ގެނައުމަށް ތައްޔާރަށް ހުރި ކަމަށެވެ.

ސުޝާންތުގެ މަރުގެ އަސްލަކީ އޭނާއާއި މެދު ބޮލީވުޑްގައި ގެންގުޅެމުން އައި ތަފާތުކުރުންތައް ކަމުގައި ގިނަ ބަޔަކު ބުނެފައިވާއިރު ފާއިތުވި ހަ ވަރަކަށް މަސް ދުވަސް ތެރޭގައި ސުޝާންތުގެ އަތުން އެތައް ފިލްމެއް ޕްރޮޑިއުސަރުން ވަނީ އަތުލާފައެވެ. މީގެ އިތުރުން ސުޝާންތު އާއި ފިލްމީ ތަރި ރިއާ ޗަކްރޮބަޓީ އާއި ދެމީހުން ލޯބީގެ ގޮތުން ގުޅުނު އިރު އެ ދެމެދަށްވެސް ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވަންކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

މި ގޮތުން ރިއާ އާއި މަހޭޝް ބަޓް އާއި ދެމެދު ހާއްސަ ގުޅުމެއް އޮންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވާއިރު މި ދެމީހުން އެކުގައި ނަގާފައިވާ ގައިގޯޅި ފޮޓޯތަކެއްވެސްވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ. މީގެ އިތުރުން ސުޝާންތު މަރުވި ދުވަހުގެ ރޭ ރިއާ ހުރީ މަހޭޝް އާއި އެކުގައިކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު މި މައްސަލައިގައި ރިއާގެ ބަޔާނެއްވެސް ވަނީ ނަގާފައެވެ