English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްއާރްޓީ އާއި ޔުނައިޓެޑް ބޯއިސްއެވެ. މި މެޗު 1 ލަނޑި 0 ލަނޑުން ކާމިޔާބުކުރީ ޔުނައިޓެޑް ބޯއިސްއެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑެއްޖެހިފައި ނުވާއިރު ދެވަނަ ހާފްގައި ޔުނައިޓެޑް ބޯއިސްއިން ޖެހި ލަނޑަކީ އެފްއާރްޓީއަށް ހެދުނު ގޯހަކުން އެ ޓީމަށް ލިބުނު ޕެނެލްޓީއެއް ގޯލަށް އަމާޒުކޮށް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުލް މުންނިމްއެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް ބޯއިސްގެ އާނިފްއެވެ.

މި މުބާރާތުގައި ޔުނައިޓެޑް ބޯއިސް އިން ކުޅުނު އެއް މެޗުން އެއްވަރުވެފައިވާއިރު އެއްމެޗުން އެ ޓީމްވަނީ ބަލިވެފައެވެ. މިރޭގެ މެޗުން އެ ޓީމް މޮޅުވެފައިވާއިރު ދެން މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެ ޓީމް ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ލޮތަރި އެފްސީ އާއެވެ.މި މުބާރާތުގައި އެފްއާރްޓީ ކުޅުނު އެއްވެސް މެޗަކުން އެ ޓީމް މޮޅުވެފައިނުވާއިރު، ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެފްއާރްޓީ ބައްދަލުކުރާނީ މަންތަރަ ޖޫނިއާސްއާއެވެ.