English Edition
Dhivehi Edition

ކޮވިޑް-19ގެ ހަރަދުތަކާ ގުޅިގެން ތިލަވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ ގުޅިގެން ހެލްތު މިނިސްޓަރުގެ މަގާމުން އަބްދުﷲ އަމީން ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ރާއްޖެއަށް ވެންޓިލޭޓަރު ގަތުމާއި އެހެން ވެސް ކޮވިޑާ ގުޅިގެން ސިއްހީ ދާއިރާގެ ތަކެތި ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއްގެ ހަރަދުތައް ސަރުކާރުން ކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.

މި މައްސަލަތަކާ ގުޅިގެން، މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ވައްކަން ކުރިއަސް، ރައްޔިތުން ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ތިއްބާ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރާ އާލާތްތަކުން ވައްކަން ކުރުމަކީ ބަޔަކު ކުރާނެ އެންމެ ހުތުރު އަދި ލާއިންސާނީ އަމަލު ކަމަށެވެ

ރައްޔިތުންގެ މަޖިލިހަށް، އަމީން އިތުރުފުޅު ހައްދަވައިފައިވާކަމަށް ތުހުމަތު ކިރައްވަމުން މީކާއީލްވަނީ ރައްޔިތުންގެ މާލިއްޔާ އިން ވައްކަން ކުރެއްވުމަކީ އަމީން ކުރެއްވި ދެ ވަނަ ކަމެއްގެ ގޮތުގައި ވިދާޅުވެ، މިހާރުން މިހާރަށް އޭނާ މަގާމުން ވަކިކުރުމަށް ގޮވާލާފައެވެ.

މީގެ އިތުރުން އެމްޑީޕީއަކީ ވަގުން ހިފާ ޕާޓީ އެއްކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން، މެންޑޭޓަކައިގެން ރައްޔިތުންގެ މަޖިލިހަށް ހޮވުނީ ހަމަ ސީދާ ވަގުން ހިފާނެ ކަމަށް ބުނެކަމަށެވެ. “އެމްޑީޕީއަކީ ވަގުން ހިފާ ޕާޓީ. އަޅުގަނޑުމެން މެންޑޭޓަކައިގެން ރައްޔިތުންގެ މަޖިލިހަށް ހޮވުނީ ހަމަ ސީދާ ވަގުން ހިފާނެ ކަމަށް ބުނެ،” މީކާއިލް ވިދާޅުވިއެވެ.