English Edition
Dhivehi Edition

ފުރައްސާރަ ކުރިޔަސް ބުނަންޖެހޭ އެއްޗެއް ބުނާނެ ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް,މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހޫނު ރައްދެއް ދެއްވައިފި އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރައީސް ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އިސްވެ ތިއްބަވައިގެން މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަސައްކަތްކޮށް، އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ހޫނުވެފައިވާއިރު ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި ދެކޮޅަށް ވާހަކަދައްކަވާ މެމްބަރުންނާއި ވަޒީރުންނަށް ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ، މިގޮތުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕްގައި ރޮޒެއިނާ އަށް ފާޑު ވިދާޅުވެ، ނަޝީދު ވަނީ ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށާއި އެއީ ކަށަވަރު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ އެވާހަކަތަކަށް ރައްދު ދެއްވައި ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، “ޔެސް ބޮސް” ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށާއި މިހެން މިކަން އޮތްނަމަވެސް އަދި އޭނާއަށް ފުރައްސާރަ ކުރިޔަސް، ބުނަންޖެހޭ އެއްޗެއް ސާބިތުކަމާއެކު ބުނަމުންދާނެކަމަށެވެ. “ހަމަ ބުނަމުން ދާނީ. ވާއެއްޗެއް ވާނެ،” ރޮޒެއިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި އިއްޔެ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ރައީސް ނަޝީދު ވަނީ ފައްޔާޒަށް ވެސް އިންޒާރު ދެއްވައިފަ އެވެ.