English Edition
Dhivehi Edition

އެމްޑީޕީ އަކީ އެ ޕާޓީގެ ހުރިހާ މެމްބަރުންގެ ވެސް ޕާޓީއެއް ކަމަށާއި ޕާޓީގައި ހިނގާ ކަންކަމަށް އެންމެންނަށްވެސް ގޮތްކިޔޭނެ ކަމަށް އައްޑޫ ސިޓީ މިދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގައި ހަމަނުޖެހުންތައް ބޮޑުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް އެ ޕާޓީގެ ބައެއް މެމްބަރުން ‘ޖެއްސުން’ކުރަމުން ދާ މި ދަނޑިވަޅު ރޮޒައިނާ ގެންދަވަނީ ރައީސް ދިފާއުކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ނުސީދާ ބަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މި ގޮތުން މިއަދު ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގައުމެއްގެ ރައީސްކަން އެއް ފަހަރާ ދެމީހުންނަށް ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރޮޒައިނާ ކުރެއްވި އިތުރު ޓުވިޓެއްގައި ވިދާޅުވީ ބައެއް މީހުންނަށް ހީވެފައި އޮތީ އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކި އާއިލާއެއްގެ އެއްޗެއްކަމަށާއި އެހެންކަމަށްވާނަމަ އިލެކްޝަން ކޮމިޝަންގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނޮއޮއްނާނެ ކަމަށެވެ. “އެމްޑީޕީ ކޮންމެ މެމްބަރަކަށްވެސް ޕާޓީގެ ހަމަ އެއް ހައްގުތަކެއް ލިބިގެންވޭ. އަދި ބަޔަކު ކިތަންމެ ރުޅިއަޔަސް އެ ހައްގުތައް ބޭނުން ކުރާނަން” ރޮޒައިނާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާއަށް ޑީއާރްޕީއިން ނިކުމެ ވަޑައިގެންނެވި ރޮޒައިނާ އިތުރަށް ވިދާޅުވީ އޭނާ 07 އަހަރު ވަންދެން އެމްޑީޕީ ކުރިއެރުވުމަށް ވެހުނުހާ ވާރެއަކާ ދިންހާ އައްވެއްގައި މަސައްކަތްކޮށްފައިވާނެކަމަށާއި އެހެންނަމަވެސް އެއްޗެކޭ ބުނާއިރަށް ޑީއާރްޕީއޭ ކިޔައިގެން ފަށައިގަންނަކަަމަށެވެ.